18 May 2015, 15:28
ވިލިމާލެ ޕެޓްރޯލް ކުރުމަށް ފުލުހުންނަށް އެހީތެރިވެދިނުމުގެ ގޮތުން އެސްޓީއޯ އިން ފުލުހުންނަށް 10 ބައިސްކަލު ހަދިޔާކޮށްފަ އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފްލާއެއްގައި އެ ބައިސްކަލްތައް ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ހަވާލުކޮށް ދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު ޝަހީރެވެ.

ބައިސްކަލް ހަވާލުކުރެއްވުމަށް ފަހު ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ކުރީއްސުރެ ވެސް ފުލުހުންނަށް އެކިއެކި އެހީތައް ވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުންގެ ވާޖިބު އަދާ ކުރުމުގައި ވެވުނު މިންވަރަކުން އެސްޓީއޯ އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަވީން ވިދާޅުވީ އެސްޓީއޯ އިން ދެއްވި އެހީގައި ވިލިމާލެ ޕެޓްރޯލް ކުރުމަށް އެ ރަށުގައި މޮޓޯ ސައިކަލްގެ ބަދަލުގައި ބައިސްކަލު ދުއްވުމަށް ދެވޭ ހިތްވަރެއް ކަމަށް ވިދާޅުވި އެވެ. އަދި އެސްޓީއޯގެ ކަންކަމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތްތަނުގައި ވެސް ލިބެމުން ދާނެ ކަމުގައި ވިދާޅުވި އެވެ.