ފިހާރައަކުން އިލެކްޓްރޯނިކްސް ސާމާނުތަކެއް ވަގަށްނެގި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސ. ހިތަދޫ، އެވާފްރީ، ނޫރުލްއަމީން،43 ގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ވައްކަންކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ނޫރުލްއަމީން އިތުރު މީހަކާއެކު 2011 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި، ހ. ޗަންޕާގޭގެ ތިރީބުރީގައި ހުންނަ ރީފްސައިޑް އިލެކްޓްރޯނިކްސް ފިހާރައިގެ ގުދަނުގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނު ވަގަށް ނަގާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

މިއީ އޭނާގެ މައްޗަށް ވައްކަންކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެ ހިކުމްގައި ވެއެވެ.

އެ މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. އެހެންނަމަވެސް ހެކި ލިބިފައިނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.