18 May 2015, 14:31
މާލެއިން ނ. ވެލިދޫއަށް ދަތުރުކުރި ބޯޓެއްގައި ތިބި ބަޔަކަށް ވަޅިން ބިރުދައްކައި އެ ބޯޓު އަންދާލާނެ ކަމުގެ އިންޒާރުދިން މީހަކު އެއްއަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ވެލިދޫ ކޯޓުން ހުކުމް ކޮށްފިއެވެ.
ނ.ވެލިދޫ، ވީނަސް ޙައްސާން ޢަލީ،23 ގެ މައްޗަށް އެހުކުމް ކޮށްފައި ވަނީ "ކޮންކޯޑް އެކްސްޕްރެސް” ނަމަކަށްކިޔާ ބޯޓުގެ ވީލްހައުސް ތެރެއަށް 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 6:00 އެހާކަންހާއިރު ވަދެ އެބޯޓުގައި ތިބި މީހުންނަށް ބިރުދައްކައި އިންޒާރުދީފައިވާތީ އެވެ.
ވެލިދޫ ކޯޓުގެ ހުކުމްގައި ވަނީ ހައްސާން ދައުވާއަށް އިންކާރުކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އޭނާ މީހަކާ ދިމާލަށް ވަޅި ދިމާކޮށްފައިވާކަން އެނގޭކަމަށާއި، އަދި ހެއްކެއްގެ ހެކިބަހުން އެ މީހާގެ މޭގައި ހައްސާން ވަޅި ޖައްސައި ހަރާލާނެ ކަމަށްބުނެ އިންޒާރު ދީފައިވާކަން އެގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.