ރުއްތަކުގެ ކުރިކައި ރުއްތަކަށް ގެއްލުންދޭ ސޫތްޕެއް ކަމަށްވާ ރުކުމަޑި، ނައްތާލަން އުދުހޭ ސޫތްޕެއް ދޫކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.

ލެބޯޓަރީއެއްގައި އާލާކޮށްގެން ދޫކުރާ އެ ސޫތްޕަކީ މެއްސަކަށްވުރެ ވެސް ކުޑަ ސޫތްޕެކެވެ.

ރުކުމަޑި ނައްތާލުމަށް އާލާކުރަމުން އަންނަ ސޫފި ------ ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރުކުގެ ކޮޅިގަނޑު ތެރޭގައި ރުއްމަޑި އާލާވާއިރު ރުއްމަޑީގެ ކުދި ފަނިތައް އެހުރި ސައިޒަށްވުރެ ބޮޑުނުވަނީސް އެ ސޫފިތަކުގެ އެހީގައި ރުއްމަޑީގެ ފަނިތައް މަރާލަ އެވެ.

އެގޮތުން ރުއްމަޑީގެ ފަނިތައް ރުކުގެ ފަންގަނޑުތެރޭގައި އުޅޭއިރު އެ ކުޑަ ސޫފި އައިސް ފަނިތަކުގެ ތެރެއަށް ބިސް އަޅައެވެ. ރުއްމަޑީގެ އެ ފަނިތަކަކީ ކުދި ސޫފިތައް ހާލީގެ ގޮތުގައި ބޭނުންކުރާ އެއްޗެވެ. ފަނިތަކުގެ ތެރެއަށް ބިސްއެޅުމުގެ ސަބަބުން އެ ކުޑަސޫފި އާލާވާއިރު ކާނާއަކަށް ބޭނުން ކުރަނީ ވެސް ރުއްމަޑީގެ ފަންޏެވެ.

ރުކުމަޑީގެ ކުދި ފަނިތައް ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެއީ ޗައިނާގެ އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން އިންސްޓިޓިއުޓް، ޗައިނީސް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗުރަލް ސައިންސް އިން ފިޝަރީޒް މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ ސޫތްޕެކެވެ. އަދި ޗައިނާގެ އެހީގައި ހުޅުލޭގައި ހަދާފައިވާ ލެބޯޓަރީއެއްގައި އެކަމަށް ޗައިނާއިން ތަމްރީނުވެފައި ތިބި ޓެކްނީޝަނުން ސޫފި އާލާކުރުމުގެ މަސައްކަތްކުރެ އެވެ.

ލެބޯޓަރީގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ލެބޯޓަރީ ހުޅުއްވައިދެއްވުމަށްފަހު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މީގެކުރިން ގަސްތަކަށް ގެއްލުންދޭ އެފަދަ ތަކެތި ނައްތާލުމަށް ބޭސްފަދަ ތަކެތި ޖެހުމުން ގަސް ހެދުމުގައި އެހީވާ ދިރޭތަކެތި ވެސް މަރުވާ ކަމަށެވެ. ނަމަވެސް މިހާރު އާލާކުރާ ސޫފިތަކުގެ ސަބަބުން އެހެން އެއްވެސް ގެއްލުމެއް ނުލިބި ރުއްމަޑިތައް ނެތިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޝައިނީ މީޑިއާއަސް މައުލާޫމާތުދެއްވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އަޅުގަނޑުމެން ލެބޯޓަރީ ތެރޭގައި ސޫފިތައް އާލާވާ ވަރަކަށް އެ ސޫފިތައް ރަށްތަކަށް ވެސް ދޫކުރަމުން ދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ދުރު މުސްތަގުބަލަކަށް ބަލާނަމަ ރުއްތަކަށް ރުއްމަޑީގެ ސަބަބުން ލިބޭ ގެއްލުން ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރުކުމަޑިތައް ކޮންޓްރޯލްކުރުމަށް ދޫކުރާ ސުއިތްޕަކީ އޭގެސަބަބުން ތިމާވެއްޓަށާއި އިންސާނުންނަށް އޭގެ އެއްވެސް ގެއްލުމެއް ކުރާނެ ސުއިތްޕެއް ނޫނެވެ.