18 May 2015, 14:00
ޓޫރިޒަމް މިނިސްޓްރީގެ އެންގުމަށް ފްރީޒްކޮށްފައިވާ ތްރީއޭ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަބްދުﷲ އަލީގެ އެކައުންޓު އަންފްރީޒްކޮށްފިއެވެ.
ތްރީއޭގެ ލީގަލް އޮފިސަރު ޝާތިރު އަބްދުއްރަހްމާން މިއަދު 'ސަން' އަށް ވިދާޅުވީ ހދ. ހޮނޑާފުށީގެ މައްސަލައާ ގުޅިގެން އަބްދުﷲ އަލީގެ އެކައުންޓުތައް ފްރީޒްކުރިއިރު، އެއީ ސިވިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހޮނޑާފުށީގެ އެގްރީމެންޓު ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފައިވާތީ، އެއީ އެގްރީމެންޓާ ޚިލާފަށް ކުރި ކަމެއް ކަމަށް އެކުންފުނިން ދެކޭތީ އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައި ކަމަށެވެ. އެ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެގްރީމެންޓު ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން އެންގި އެންގުމަށް އަމަލުނުކުރުމަށާއި އަދި އެއެންގުމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކައުންޓުތައް އަންފްރީޒްކުރީ ކޯޓު އަމުރުނެރެފައިވާކަން މީރާގެ ސަމާލުކަމަށް ގެނައުމުން ކަމަށެވެ.
"އަޅުގަނޑުމެން ފޯނުކޮށްފަ ދެންނެވިން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ ކޯޓު އަމުރެއް އެބައޮތްކަން. އެބޭފުޅުން ވިދާޅުވީ ތިމަންނަމެންނަކަށް ނޭނގެއޭ. އަޅުގަނޑުދެންނެވިން އަމުރެއް ނެރެފަ އެބައޮތޭ. ދެން އެބޭފުޅުން އެކަން ބައްލަވާފަ އެކައުންޓު އަންފްރީޒް ކުރީ،" ޝާތިރު ވިދާޅުވިއެވެ.