މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ބިހާއި އަލުއްވާއި ފިޔާ ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "ސަން"އަށް ވިދާޅުވީ، މިފަހަރު ރޯދަ މަހު ވެސް ފިޔާ، ބިސް، އަލުވި ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

"ކުރީ އަހަރު ތަކެކެކޭ އެއްގޮތަށް މިފަހަރު ވެސް ފިޔާ ބިސް އަލުވި ރޯދަޔަށް މިފަހަރު ވެސް އަޅުގަނޑުމެން އެބަ ގެންނަން، ގެނެސް އަޅުގަނޑުމެން ކުރިއެކޭ އެއްގޮތަށް ރީޒަނަބަލް އަގުތަކެއްގައި މާލެ އާއި އަތޮޅު ތެރޭ ފިހާރަތަކުން ލިބޭނެ،" ޝަހީރު ވިދާޅުވި އެވެ.

ރޯދަ އާއި ކައިރިކޮށް އެތަކެތި ވިއްކަން ފަށަން ނިންމާފައިވާއިރު ޝަހީރު ވިދާޅުވީ ފަސޭހަ ކަމާއެކު އެތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޓީއޯ ހަ ނަމްބަރު ކޮށީގައި ގުދަނެއް ތައްޔާރު ކުރަމުންދާ ކަމަށެވެ. މިފަހަރު ވެސް ސުޓޮކް ހުސްވިޔަ ނުދީ ތަކެތި ފޯރުކޮށްދިނުމަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން ބޭނުންވާ އެހެނިހެން ކާބޯތަކެތި ވެސް އެސްޓީއޯ ސުޕަ މާކެޓުން ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހަޓަން މަސައްކަތް ކުރެ އެވެ.