18 May 2015, 13:16
ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 29 އަހަރުގެ މީހަކު އިއްޔެ 10:50 ހާއިރު ހައްޔަރު ކޮށްފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފު ވެގެން އެ މީހާ ހައްޔަރުކުރުމުން ވަނަވަރު އޮޅުވާލައި ފުލުހުންނަށް ދޮގު މަޢުލޫމާތު ދިނުމާއި ގުޅިގެން ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އެ މީހާ އަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތަކަށް ނުވާތީ ޖޫރިމަނާ ކުރުމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަންއަށް ގެންގޮސް މައުލޫމާތު ސާފުކުރަން އެދުމުން އޭނާ ވަނީ ވަނަވަރު އޮޅުވާލާ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައި ކަމަށް ފުލުހުން ބުންޏެވެ.
އުމުރުން 29 އަހަރުގެ އެމީހާ ހައްޔަރު ކުރީ ހުޅުމާލެ ޓްރެފިކް ޔުނިޓްގެ ފަރާތުން ހުޅުމާލޭގެ މަގުތައް ތަރުތީބު ކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮފީސް ކައިރިން ވަންވޭ އާއި އިދިކޮޅަށް ސައިކަލެއްގައި ދުއްވައިގެންނެވެ.
ފުލުހުން ހައްޔަރުކުރި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.