މޭޑޭގެ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ތިބި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުުﷲ އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.

އަލީ ވަހީދު އާއި އަދި އިމްރާނު މެޑިކާ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގެނައިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ވެސް މިއަދު މާލެ ގެނެސްފައި ވަނީ މީގެ ކުރިން ޑޮކްޓަރަށް ދެއްކުމަށް ފަހު ހަދާފައިވާ ޓެސްޓްތަކުގެ ނަތީޖާއާ އެކު ޑޮކްޓަރަށް ދެއްކުމަށެވެ.

ޑޮކްޓަރަށް ދެއްކުމަށް އަލީ ވަހީދު މެޑިކާ ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ އެމްޑީޕީ ޓުވިޓަރ

އަލީ ވަހީދު ވަނީ މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފަ އެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހު އެމްއާރުއައިއެއް ހެދުމަށް އަލީ ވަހީދު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަލީ ވަހީދުގެ ސިއްހީ ހާލަތު ވަރަށް ދައްކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވެސް ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދާއި އިމްރާނު ވެސް ބަންދުކޮށްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު މޭޑޭ މުޒާހަރާގެ ނަމުގައި ކުރިއަށްގެން ދިޔަ އެއްވުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.