މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ޖަލަށް ލައި ޕާލަމެންޓް ގޮނޑި ގެއްލުމުން އެ ގޮނޑި އަށް އޭނާގެ އަނބިކަނބަލުން އިންތިހާބުކޮށް، ޕާލަމެންޓްގެ އިދިކޮޅު ލީޑަރު ކަމާ ހަވާލުވެއްޖެ އެވެ.

ވެން އަޒީޒު،62، އެ ގޮނޑިއަށް މި ހޮވުނީ ހަތް އަހަރު ފަހުން ދެ ވަނަ ފަހަރަށެވެ. އޭނާ އިދިކޮޅު ލީޑަރަކަށް އައްޔަން ކުރުމާ އެކު ތިން ޕާޓީގެ މައްޗަށް އެކުލެވޭ ކޯލިޝަން އެއްގަލަކަށް އެރުވުމުގެ ޒިންމާ ވަނީ އޭނާގެ ކޮނޑުގައި އެޅިފަ އެވެ.

ހަ ކުދިންގެ މަންމަ އަދި ހުޅުގަނގުން ޑޮކްޓަރުކަން ކިޔަވާފައިވާ ވެން އަޒީޒު ވަނީ މި މަހު ކުރީ ކޮޅު އޮތް ބައި އިލެކްޝަން ކާމިޔާބުކޮށް އެކަމަނާގެ ފިރިކަލުންގެ ގޮނޑި ދިފާއު ކުރައްވައިފަ އެވެ.

ްއެއްޖިންސުން ގުޅުން ހިންގި ކަމުގެ މައްސަލަ ސާބިތުވެ އަންވަރު ވަނީ މިދިޔަ ފެބްރުއަރީ މަހު ފަސް އަހަރަށް ޖަލަށް ލައިފަ އެވެ. އަންވަރު ވިދާޅު ވަނީ އޭނާ ޖަލަށް ލުމަށް ކުރި ހުކުމަކީ ސަރުކާރުގެ އަތެއް އޮވެގެން އިދިކޮޅު ފަރާތްތައް ބައިބައިކޮށްލުމަށް ހިންގާފައިވާ ދަށު ދަރަޖައިގެ ސިޔާސީ އަމަލެއް ކަމަށެވެ.

އަންވަރު،68، ގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަކީ އޭނާގެ ސިޔާސީ މުސްތަގުބަލު ނެތިކޮށްލުން ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ސިފަކޮށްފަ އެވެ.

ވެން އަޒީޒު 1999 ވަނަ އަހަރު ވެސް ވަނީ އެ ގޮނޑި އަށް ހޮވިފަ އެވެ. އެ ފަހަރު ވެސް އެ ކަމަނާގެ ފިރިކަލުން ޖަލަށް ލުމުންނެވެ. ނަމަވެސް ފަހުން 2008 ވަނަ އަހަރު އޭނާ ވަނީ އިސްތިއުފާ ދެއްވައި އޭނާގެ ފިރިކަލުން އެެ ގޮނޑިއަށް އިންތިހާބު ކުރުމުގެ ފުރުސަތުދީފަ އެވެ.

ވެރިކަމުގެ ތަޅާފޮޅުމަކަށް ފަހު އަންވަރު ކުރިން ވެސް ވަނީ ހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވައިފަ އެވެ.

އަންވަރުގެ ލީޑާޝިޕް ކަމުގެ ދަށުން އިދިކޮޅު ފަރާތްތަކުން ވަނީ އިތުރު ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ކާމިޔާބުތަކެއް ހޯދި އެވެ. ނަމަވެސް ޒަމާންތަކެއްވަންދެން މެލޭޝިޔާގައި ވެރިކަން ކުރަމުން އަންނަ އަމުނޯ ކޯލިޝަނުން ވަނީ އެ ފަހަރުވެސް އިންތިހާބު ކާމިޔާބުކޮށްފަ އެވެ.