18 May 2015, 11:15
ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ ސަރުކާރުން މަޝްވަރާ ކުރަނީ ތިން ކަމަކާ ގުޅޭ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރަން ސަރުކާރުން ހުށަހަޅާ ފުރަތަމަ ސަބަބަކީ ސިޔާސީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައި ދީ، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
ސަރުކާރުން މަޝްވަރާ ކުރުމަށް ހުށަހަޅާ ދެ ވަނަ ސަބަބަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ދުސްތޫރީ ނިޒާމަށާއި އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމަށް ކަމަށް މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން ވަނަ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރާ ސަބަބަކީ ގައުމު ބިނާކުރުމަށްޓަކާ އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމް ކުރުމަށް ކަމަށެވެ.
"މަޝްވަރާ ކުރުމަށް ކަނޑައަޅާފައި މިވާ ތިން ޕާޓީ އެއީ އަދާލަތު އެމްޑީޕީ އދި ޖުމްހޫރީ ޕާޓީ ދެއްތޯ. މިއިން އެއްވެސް ޕާޓީއަކުންނެއް މިހާތަނަކަށް ރަސްމީކޮށް ރަސްމީ ސިފައެއްގައި ސަރުކާރަކާ އެއްވެސް ޝަރުތުތަކެއް ނުކުރޭ. ދެން އަޅުގަނޑުމެންނަށް އަޑުއިވިގެން މި ދަނީ މީޑިއާގެ ވަސީލަތްތަކުން. އެކަމުގެ ރައްދެއްގެއް ގޮތުގައި އަޅުގަނޑު ވަކި އެއްޗެއް ދަންނަވާކަށް ނެތިން،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިލްތިމާސަކީ ވަކިވަކި ފަރުދުންގެ މަސްލަހަތަށް ވުރެއް މުޅި ގައުމުގެ މަސްލަހަތު އިސްކުރުން ކަމަށެވެ.
އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުމަށް ރައީސް އޮފީހުން މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ. އެގޮތުން ތިން ޕާޓީއާ ވަކިވަކިން މަޝްވަރާ ކުރުމަށް ކަނޑައަޅާފައި ވަނީ ހަތް ވަޒީރުންނެވެ.
އިދިކޮޅު އެމްޑީޕީއާ މަޝްވަރާ ކުރުމަށް ކަނޑައަޅާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.
އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރުމަށް ކަނޑައަޅާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.
"ސަރުކާރަކުން މަޝްވަރާ ކުރުމަކަށް އެއްވެސް ތާރީހެއް އަދި ކަނޑައަޅާފައެއް ނުވާނެ. އަޅުގަނޑުމެން ރަސްމީކޮށް އަދި ދައުވަތު އެރުވީ މި އެ ފަރާތްތަކަށް. އެ ފަރާތްތަކުން ދެއްވާ ޖަވާބެއްގެ މައްޗަށް އެކަން ބިނާވެގެން ދާނީ. ސަރުކާރުން ބޭނުން ވަނީ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން ފަސޭހަ މާހައުލެއްގައި. ހަމަ އެކަނި އެންމެ މަގުސަދެއް ސަރުކާރުގެ އޮތީ. އެއީ ރައީސް ޔާމީން ވެރިކަމހަވާލުވެވަޑައިގަތީ ރައްޔިތުންގެ ފާގަތިކަމައިގެން،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އެ ތިން ޕާޓީއަށް މިއަދު ރައީސް އޮފީހުގެ ފަރާތުން ސިޓީއެއްފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ދައުވަތު އަރުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.