އެމެރިކާގެ ޓެކްސަސްގައި ވާދަވެރި ގޭންގްތަކާއި ފުލުހުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުމެއްގައި ނުވަ މީހަކު މަރުވެ 18 މީހުން ޒަޚަމްވެއްޖެ އެވެ.

ރޮއިޓާސް އިން މިއަދު ބުނީ މަނުޖެހުން ފުރަތަމަ އުފެދުނީ ބާއެއްގެ ތެރޭގައި ވާދަވެރި ތިން ގޭންގެއްގެ މެދުގަ އެވެ. ހަމަނުޖެހުން ބޮޑުވެ ބޭރަށް ނުކުމެ އެއް ބަޔަކު އަނެއް ބަޔަކަށް ބަޑިން ހަމަލާ ދޭންފެށީ ކަމަށާއި ފުލުހުން އައުމުން ފުލުހުންނަށް ވެސް ބަޑިން ހަމަލާ ދިން ކަމަށް ރޮއިޓާސް ބުނެ އެވެ. ގޭންގްތަކުގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ބަޑީގެ ހަމަލާގެ އިތުރުން ވަޅިންނާއި ޗޭނުން ހަމަލާދީފައިވެ އެވެ. މި ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ލަފާކުރެވޭ ގޮތުގައި ހަމަނުޖެހުން އުފެދުނީ ޕާކު ކުރާނެ ތަނަކާ މެދު" ކަމަށް ޓެކްސަސްގެ ފުލުހުންނާ ހަވަލާދީ ރޮއިޓާސް އިން ބުންޏެވެ.

މިއީ ރޭސިން ކުރާ ގޭންގްތަކެއް ކަމަށާއި މި ވަރަށް ނުރައްކާތެރި ގޭންގްތަކެއް ކަމަށް ފުލުހުން ބުނެ އެވެ. މި ގޭންގްތަކުގެ ހަމަނުޖެހުން ފެށި ބާ އަށް ފުލުހުން ވަނީ ފާޑުކިއާފަ އެވެ. އެގޮތުން ނިވާކަން ކުޑަ ހެދުމުގައި އަންހެން ވޭޓަރުން ތިބޭ ކަަމަށް ޓެކްސަސް ފުލުހުން ބުނެ އެވެ. އަދި މި ބާ އަށް 'އިންޒާރު' ދިފާވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި ބާ އޮޕަރޭޓްކުރާ ކުންފުނިން ބުނެފައި ވަނީ ފުލުހުންނަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ވިޔަފާރިތައް އިއްޔެ ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ގޭންގްތަކުގެ މެދުގައި ބަދަލުހިފުމުގެ ހަމަލާތައް ބަދަލުކޮށްފާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންނާ ދެކޮޅަށް ފުލުހުން އަދި ދައުވާ ކުރަން ފޮނުވާފައެއް ނުވެ އެވެ.