ސްޕެނިޝް ލީގްގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް 1-0 ގެ ނަތީޖާއަކުން ބަލި ކުރުމަށްފަހު ސްޕެނިޝް ލީގްގެ ޗެމްޕިއަންކަން ބާސާލޯނާ ރޭ ކަށަވަރުކޮށްފިއެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވިސެންޓޭ ކެލްޑްރޯން ސްޓޭޑިއަމްގައި ކުޅުނު މެޗް ބާސާގެ ލަނޑު ޖައިދިނީ މި ސީޒަންގެ ސްޕެނިޝް ލީގުގައި 41 ލަނޑު ޖަހައިގެން ލަނޑު ލިސްޓްގެ ދެ ވަނައިގައި އުޅޭ އާޖެންޓީނާ ލިއޮނަލް މެސީ އެވެ.

ދެ ވަނަ ހާފުގެ 20 ވަނަ މިނެތްގައި މެސީ ކާމިޔާބު ކުރި މި ލަނޑަކީ ބާސާއިން އިން އުފެއްދި ހަމާލާއެއްގައި ޕެޑްރޯ ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ލަނޑު ޖެހުމަށްފަހު ޓީމްގެ ކުޅުންތެރިންނާއެކު މެސީ އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

މިމެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެތުލެޓީކޯއަށްވެސް ލިބިގެންދިޔައެވެ.

މި މެޗުން ބާސާ މޮޅުވުމުން ބާސާއަށް ލިބިފައި ވަނީ 93 ޕޮއިންޓެވެ.

ބާކީ އެއް މެޗް އޮއްވައި އެޓީމަށް ލީގް ކަށަވަރުވެފައިވަނީ އެޓީމްގެ ފަހަތުން ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ފަސް ޕޮއިންޓް ފަރަގެއް އޮތުމުން ރެއާލް ދެން ކުޅެން އޮތް މެޗުން މޮޅުވެ ބާސާ ކުރިއަށް އޮތް މެޗުން ބަލިވިޔަސް، ރެއާލްއަށް ބާސާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ނުކުރެވޭނެތީ އެވެ.

ރޭ އެސްޕެނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން ރެއާލްވެސް ވަނީ މޮޅުވެފަ އެވެ.

މި މެޗްގައި ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފަ އެވެ. ރެއާލްގެ އަނެއް ލަނޑު ކާމިޔާބު ކުރީ މާސެލޯއެވެ. ރޮނާލްޑޯ ކާމިޔާބު ކުރި ތިން ލަނޑާއެކު 45 ލަނޑު ޖަހައިގެން ރަންބޫޓާ އެންމެ ގާތުން ވާދަ ކުރަނީ އޭނާ އެވެ.

ރޮނާލްޑޯ ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ކުަރނީ --- ފޮޓޯ/ މާސާ

އެސްޕެނިޔޯލްގެ ހަމައެކަނި ލަނޑު ކާމިޔަބު ކުރީ ކްރިސްޓިއަން ސްޓާނީ އެވެ.

މި މެޗުން މޮޅުވުމުން ރެއާލްއަށް ލިބިފައި ވަނީ 89 ޕޮއިންޓެވެ. ސްޕެނިޝް ލީގްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

ރޭގެ މެޗްގައި ރެއާލްގެ ލަނޑުތައް ކާމިޔާބު ކުރި ދެ ކުޅުންތެރިން ކަމުގައިވާ ރޮނާލްޑޯއާއި މާސެލޯ --- ފޮޓޯ/ މާސާ

ބާސާ މިފަހަރު ލީގްގެ ޗެމްޕިއަންކަން ހޯދުމުން މިއީ އެ ޓީމުން ސްޕެނިޝް ލީގް ކާމިޔާބު ކުރި 23 ވަނަ ފަހަރެވެ. ސްޕެނިޝް ލިގް އެންމެ ގިނަ ފަހަރު ހޯދާފައި ވަނީ ރެއާލް މެޑްރިޑެވެ. އެ ޓީމުން ވަނީ 32 ފަހަރު ސްޕެނިޝް ލީގް ކާމިޔާބުކޮށްފަ އެވެ.