ކަތްމަންޑޫ (މޭ 18): ފާއިތުވި ދެތިން ހަފްތާ ތެރޭގައި ނޭޕާލަށް އައި ބާރުގަދަ ބިންހެލުން ތަކުގައި މަރުވި މީހުންގެ އަދަދު އަށްހާސް ފައްސަތޭކައަށް އަރައިފައިވާ ކަމަށާއި މިއީ ކާރިސާއެއްގައި މިހާތަނަށް އެގައުމުން މަރުވެފައިވާ މީހުންގެ އަދަދަށްވުރެ މަތީ އަދަދެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ނޭޕާލުގެ ދާޚިލީ ވުޒާރާއިން އިއްޔެ ޝާއިޢުކުރި ރިޕޯޓެއް ބުނާ ގޮތުން ބިންހެލުންތަކުގައި 8538 އަށް ވުރެ ގިނަ މީހުން މަރުވިކަން މިހާރުވަނީ ކަށަވަރުވެފަ އެވެ. އަދި މިކާރިސާގައި ގެއްލިފައިވާ މީހުންގެ އަދަދު ވެސް ހާހަކަށްވުރެ ގިނަވާނެ ކަމަށާއި ގެއްލިފައިވާ މީހުންވާ ކަމަށް ބެލެވެނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގަ އާއި ބިންހެލުމުގެ ސަބަބުން އެކަހެރިވެފައިވާ ވަރަށް ދުރު ވިލެޖްތަކުގައި ކަމަށް ވެސް މިރިޕޯޓް ބުނެ އެވެ. މިދިޔަ މަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުންތަކީ ފަހުގެ ތާރީޚެއް ގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ.

ރެކްޓަރު މިންގަނޑުން 7.8 ގެ ބާރުމިނުގައި ފުރަތަމަ ބިންހެލުން އައިސްފައިވާއިރު އޭގެ ލޮޅުންތައް ހަފްތާއަކަށް ދެމިގެން ގޮސްފައިވެ އެވެ. އެއަށްފަހު ވެސް މިއަށްވުރެ ބާރުކުޑަ ނަމަވެސް ބޮޑު ދެބިންހެލުމެއް އައިސްފައިވެ އެވެ. މި ދެ ބިންހެލުމުގައި ވެސް އިމާރާތްތައް ވެއްޓި މީހުން މަރުވެފައިވެ އެވެ.

މީގެ ކުރިން ނޭޕާލަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައި ވަނީ 1934 ވަނަ އަހަރުގަ އެވެ. އެ ކާރިސާގައި މަރުވެފައި ވަނީ 8519 މީހުންނެވެ. އެހެންކަމުން މިފަހަރުގެ ބިންހެލުންތަކަކީ ނޭޕާލުގެ ތާރީޚުގައި ކާރިސާއެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ފަހަރު ކަމަށް އެ ގައުމުން ބުނެ އެވެ.

ނޭޕާލުގެ ބިންހެލުންތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަދުވެގެން ފަސް ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ. އަދި އެހީގެ ގޮތުގައި މިހާތަނަށް އެކި ފަރާތްތަކުން ދުއިސައްތަ މިލިޔަން ޑޮލަރުގެ ތަކެތި ލިބިފައިވާ ކަން ވެސް އެ ގައުމުން ހާމަކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)