18 May 2015, 10:06
މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިއަ އަހަރުގެ ސާފު ފައިދާ އަށް 13.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ އާމްދަނީގެ ގޮތުގައި 221 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެމްޓީޑީސީ އަށް ފައިދާ ނުވާތާ އަހަރުތަކެއް ފަހުން މިދިއަ އަހަރުން ފެށިގެން މިވަނީ ފައިދާވާން ފަށާފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެމްޓީޑީސީ އަށް ވަނީ 15 މިލިއަން ރުފިޔާގެ ފައިދާ އެއް ވެފައެވެ.
އަހަރީ ހިސާބުތައް އެޕްރިލް 30 ގެ ކުރިން އާއްމުނުކުރުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެމްޓީޑީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
'ސަން' އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އެމްޓީޑީސީގެ އެކްޓިން މެނޭޖިނ ޑިރެކްޓާ އަހުމަދު ނިޔާޒް ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ދެން މާލީ ގެއްލުން ނުދައްކާނެ ކަމަށެވެ.
އެ ކޯޕަރޭޝަނަށް ބޮޑު ގެއްލުމެއް ދައްކަމުން އައި ހެރެތެރެ ރިސޯޓް ސިންގަޕޫރުގެ ކުންފުންޏަކަށް 33 މިލިއަން ޑޮލަރަށް ވިއްކާލުމުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުވިއެވެ.