12 Apr 2010, 15:40
19:00
ސީއެޗްއެސްސީ އެނެކްސްގެ ކެންޓީނުން އާންމުންނަށް ހިދުމަތް ދޭ ނަމަ އަލުން އިއުލާނުކޮށް ބިޑް އުސޫލުން ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަންގައިފި އެވެ.
އޭސީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެނެކްސްގެ ކެންޓީނާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބެލިއިރު އެ ކެންޓީނުން ހިދުމަތްދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނަކީ ވަކި ފަރާތަކަށް ފައިދާ ހޯދައިދޭން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
ސީއެޗްއެސްސީ އެނެކްސްގެ މައްސަލަ އެކޮމިޝަނުން ބެލިބެލުމުން ހަތަރު ކަމެއް ފާހަގަކުރެވޭ ކަމަށާއި އެތަން ދޫކުރަން ކޮށްފައިވާ އިއުލާނަށާއި އެ އިއުލާނާ ގުޅިގެން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭގައި ވަނީ ސީއެޗްއެސްސީގައި ކިޔަވާ ދަރިވަރުންނާއި ސްކޫލްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހިދުމަތްދޭ ތަނެއް ކަމަށެވެ. އާންމުންނަށް ހޮޓަލެއްގެ ހިދުމަތް ދިނުމުގެ ފުރުސަތު އޮތްކަން އިއުލާނުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް އޭސީސީގެ އެބަޔާނުގައިވެ އެވެ.
އޭސީސީން ބުނީ އެނެކްސްގެ ކެންޓީން ކުއްޔަށް ދިނުމުގެ އިއުލާނުގައި އާންމުންނަށް ހިދުމަތް ދޭ ހޮޓަލެއްގެ ވާހަކަ ނެތް ކަމަށާއި އެގޮތަށް ހިދުމަތްދޭން ބޭނުންނަމަ އާންމުކޮށް އިއުލާނުކޮށް ބިޑް އުސޫލުން އެކަން ކުރުމަށާއި އެ ކަންކަން އިސްލާހު ކުރުމަށްފަހު ކޮމިޝަނަށް އެންގުމަށް އެދިފައިވާނެ ކަމަށެވެ.
ސީއެޗްއެސްސީގެ އެނެކްސްގައި ވަނީ ބޭރު މަގަށް ދޮރުކަނޑައިގެން ނައިޓް ބީޗް ކެފޭ ނަމުގައި ކެފޭއެއް ހުޅުވައި އާންމުންނަށް ހިދުމަތް ދޭން ފަށައިފަ އެވެ.