ދޯންޏެއްގެ ތައްޓުމައްޗަށް ވައްޓާލައި އަނބިމީހާ އަށް އަނިޔާ ކުރި މީހަކު 200 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އަނބިމީހާ އަށް އަނިޔާކުރިކަން ސާބިތުވެ 200 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނީ ލ. އިސްދޫ، ބުލްބުލާގެ ލުތުފީ އުމަރެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނެފައި ވަނީ މަސްމާރުކޭޓް ކައިރިން ތޮށިގަނޑާ ދިމާލުގައި އޮތް ދޯންޏަކަށް މިދިޔަ ޖެނުއަރީ މަހު، ލުތުފީ އޭނާގެ އަނބިމީހާ ހައްވާ އިބްރާހީމް ކޮއްޕާލައި ވައްޓާލާފައިވާ ކަމަށެވެ.

އެ މާރާމާރީގެ ސަބަބުން ހައްވާ އިބްރާހިމްގެ ތިރީ ތުންފަތުގެ ހަންގަނޑު ވީދިފައިވާކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓްތަކުން އެނގެން އޮންނަ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ހައްވާ އިބްރާހިމް ކޮއްޕާލާފައިވާކަން ލުތުފީ އުމަރުގެ އަމިއްލަ އިއުތިރާފުން އެނގެން އޮންނާތީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެ، 200 ރުފިޔާ އިން ޖޫރިމަނާކުރާ ކަމަށެވެ. އަދި އެ ފައިސާ އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ ތެރޭ ކޯޓަށް ދައްކައި ހަލާސްކުރުމަށް ވެސް އަންގާފައިވެ އެވެ.