18 May 2015, 10:17
ސްކޮޕްޖޭ (މޭ 18) : ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިޙާދުން މިނިވަންވި ގައުމުތަކުގެ ތެރޭގައި ހިމެނޭ މެސެޑޯނިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް އިންޒާރު ދީފި އެވެ.
މެސެޑޯނިޔާގެ ރައީސް ނިކޮލައި ގްރޮފްސްކީގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޮޑުމުޒާހަރާއެއް މިއަދު ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އެގައުމުގެ ދާޚިލީ ވަޒީރާ ގޮރްދާނާ ޖަނަކޮލޮވްސްކާ ވިދާޅުވީ ގައުމުގައި ހަމަނުޖެހުން އުފައްދައި ސުލްޙަ މަސަލަސްކަން ނަގާލުމުގެ ފުރްސަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމުގަ އެވެ. އަދި ރައީސް ގްރޮފްސްކީގެ އިސްތިއުފާއަށް ގޮވާލައި މިއަދު ބާއްވާ ބޮޑު މުޒާހަރާ ހަމަނުޖެހުންތަކަކަށް ބަދަލުވަމުންދާ ނަމަ މުޒާހަރާ އަވަސްގޮތަކަށް ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ޖަނަކޮލޮވްސްކާ ދެއްވި އެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން އުފައްދަފާނެ ހަމަނުޖެހުމަކާ ކުރިމަތިލުމަށް ސަލާމަތީ ބާރުތައް ތައްޔާރަށް ތިބިކަމަށާއި ވެރިރަށް ސްކޮޕްޖޭ އާއި އެހެން ބޮޑެތި ސިޓީތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާނެ ކަމަށް ދާޚިލީ ވަޒީރާ ޖަނަކޮލޮވްސްކާ ވިދާޅުވި އެވެ.
މެސެޑޯނިޔާގައި ހަމަނުޖެހުންތައް ފެށުނީ އެގައުމުގެ އަލްބޭނިޔާ ދަރިކޮޅުގެ މީހުން މިދިޔަ ހަފްތާގައި އެމީހުންގެ ހައްގުތަކާގުޅޭ ގޮތުން ސަރުކާރާ ދެކޮޅަށް ކުރި އިޙްތިޖާޖްތަކާ ގުޅިގެންނެވެ. މިއިޙްތިޖާޖްތައްކުރީ އެލްބޭނިޔާ ދަރިކޮޅުގެ މީހުންގެ ތެރެއިން އެތައްބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާ ގުޅިގެންނާއި އެމީހުންގެ ހައްގުތަކަށް ސަރުކާރުން އިޙްތިރާމް ނުކުރާކަމަށްބުނެ އެހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި އެވެ. ނަމަވެސް އަލްބޭނިޔާ ދަރިކޮޅުގެ މީހުންގެ މިއިޙްތިޖާޖްތަކުގެ ތެރެއަށް ސިޔާސީ ބޭނުމެއްގައި މެސެޑޯނިޔާގެ އިދިކޮޅު ފަރާތްތައް ވަންނަމުންދާ ކަމަށް ސަރުކާރުންވަނީ ތުހުމަތުކޮށްފަ އެވެ.
މެސެޑޯނިޔާ އިން ޚާއްސަ ގާތްގުޅުންތަކެއް ބާއްވާ ރަޝިޔާ އިން ވަނީ މެސެޑޯނިޔާގައި ހަމަނުޖެހުން އުފެއްދުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކަށް ހިއްވަރުދޭކަމުގެ ތުހުމަތު އެމެރިކާއާއި ހުޅަނގު ޔުރަޕްގެ ގައުތަކުގެ މައްޗަށް ކޮށްފަ އެވެ. ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ހުޅަނގުން ވަދެގަތްގޮތަށް މެސެޑޯނިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް ހުޅަނގުގެ ބައެއްގައުމުތަކުން މަސައްކަތްކުރާ ކަމަށް ވިދާޅުވެފަ އެވެ.
މެސެޑޯނިޔާގެ އިދިކޮޅު ފަރާތްތަކަކީ ހުޅަނގުގެ ބައެއް ގައުމުތަކުން މަދަދުލިބޭބައެއްކަމަށް ވެސް ޕޫޓިން ތުހުމަތު ކުރައްވި އެވެ. މެސެޑޯނިޔާގެ އިދިކޮޅު ފަރާތްތަކުން ރައީސް ނިކޮލައި ގްރޮފްސްކީގެ ސަރުކާރަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމާއި ކޮރަޕްޝަން އިތުވުމާއި އިދިކޮޅު ފަރާތްތަކުގެ ދައުރު ކުޑަކުރަން މަސައްކަތްކުރުން ހިމެނެ އެވެ.
(ނޫސްއެޖެންސީތައް)