ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ބަޖެޓުން މަދުވާ ފައިސާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސަވައި ދެއްވައިފި އެވެ.

ވިލިމާލެ ދާޢިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަރު ކޮމިޓީގެ މުގައްރިރު އަހްމަދު ނިހާން ހުސައިން މަނިކު "ސަން" އަށް މިރޭ ވިދާޅުވީ، ރޯދަ އިނާޔަތަށް ބޭނުންވާ ފައިސާގެ ކަންކަން ރައީސް ޔާމީން ހަމަޖައްސަވައިދެއްވާފައިވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރޯދަ އިނާޔަތް އެންމެނަށް ހަމަހަމަ ކަމާއި އެކު ދިނުމުގެ ހިޔާލު އެންމެ ފުރަތަމަ ވެސް ޕީޖީ ގްރޫޕާ ހިއްސާ ކުރެއްވީ ވެސް ރައީސް ޔާމީން ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީއާ ގުޅުއްވައިގެން އެ ފައިސާ ހަމަޖައްސަވައިދެއްވީ ވެސް ސީދާ ރައީސް ޔާމީން ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް ޔާމީނާ ރޯދަ އިނާޔަތުގެ މައްސަލައިގައި މަޝްވަރާ ކުރިން. އެހެންނަމަވެސް އާންމުންނަށް މިކަން އެނގެން ލަސްތަކެއް މިވީ އެބަޖެހޭ ދެއްތޯ ގޮތްތަކެއް ކަނޑައެޅެން. އެއީ ޕްރައިވެޓު ސެކްޓާގައި ވެސް މުވައްޒަފުން ތިބޭނެ ދެއްތޯ. އެބޭފުޅުންނަށް ވެސް މިކަން [ރޯދަ އިނާޔަތް] ހަމަޖެހިގެން ދާންޖެހޭނެ. އެހެންވީމަ މިހާރު މިފަހަރު މިކަންތައް މި ކޮށްދެއްވީ ރައީސް ޔާމީން. އަޅުގަނޑަށް ދެންނެވެން އޮތް އެންމެ މަތީ ލަފުޒަކީވެސް މިއީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހު މާދަމާ މަޖިލީހަށް ވައްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި މަހުގެ މުސާރައާ އެކީ ރޯދަ އިނާޔަތް ނުލިބިދާނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން އެކަން ފާސް ކުރިހައި އަވަހަކަށް އެ ފައިސާ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށެވެ.

"ވަޒީފާއާ ބެހޭ ގާނޫނަށް އަޅުގަނޑުމެން ގެންނަ އިސްލާހުގެ ސަބަބުން ޕްރައިވެޓު ސެކްޓާގެ އިސް ފަރާތްތައްވެސް އެ ފަރާތެއްގެ މުވައްޒަފަކަށް އެ އިނާޔަތް އެވަރަށް ދޭން ޖެހޭނެ. ގާނޫނަށް އަމަލު ކުރަން ޖެހޭނެ. އެހެންވީމަ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންގެ ވާހަކަ މި ދެކެވެނީ. މިސާލަކަށް ރާއްޖޭގެ އާބާދީގެ ބޮޑުބައަކަށް 1000 ރުފިޔާ އިރާދަ ކުރެއްވިއްޔާ އިތުރުވެގެންދާނެ. އެހެންވީމަ ރައީސް ޔާމީންގެ ވިސްނުންފުޅު އެހެރީ ރަމަޟާން މަހުގެ ރޯދަ އަކީ ކޮންމެ މީހަކުވެސް ހިފާ އެއްޗެކޭ. އެއީ ރައީސަކަށް ނޫނީ އެހެންމީހަކަށް ތަފާތެއް އޮތް ކަމެއް ނޫނޭ. އެހެންވީމަ ރަމަޟާން މަހާ ގުޅުވައިގެން ދޭ އިނާޔަތެއްގައި އެއްވެސް ތަފާތެއް ހުރެގެން ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި،" ނިހާން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު "ސަން" އަށް ވިދާޅުވީ، ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މިއަހަރު ދޭނެ ކަމަށާއި އެވަރަށް ބަޖެޓުގައި ފައިސާ އެބަހުރި ކަމަށެވެ.

ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނީ 2000 ރުފިޔާ އެވެ. އެ އަދަދު 3000 ރުފިޔާއަށް ބަދަލު ކުރުމަށް ބަޖެޓަށް އިތުރު ކުރަންޖެހޭ އަދަދަކީ 36 މިލިއަން ރުފިޔާ އެވެ.