އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ކޮންމެ ފިހާރައެއްގައި ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ކައުންޓަރެއް ބަހައްޓަން ނިންމާފައިވާ ކަމަަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެންޓަޕްރައިސިން ސެންޓަރުތައް ގާއިމުކުރުމާ ބެހޭގޮތުން މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، މިއީ ދިވެހި އުފެއްދުންތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

"މިހާތަނަށް ނުލިބޭ އެތައް މާކެޓް އެކްސެސް އެއް މި ރާއްޖޭގެ މި މައި ދޮރާށީގައި ލިބިގެންދަނީ. މިހާރު އޮތް ގޮންޖެހުމަކީ އެ ހަރުތައް ހުސްނުކޮށް ބެހެއްޓުން،" މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް އެއާލައިންތަކުގައި މިހާރު ދިވެހި ޕްރޮޑަކްޓް ވިއްކަން ހުންނާނެކަމަށާއި އޭގެ ތެރޭގައި މެގަ މޯލްޑިވްސް ހިމެނޭ ކަަމަށް ސައީދު ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިހާރު ބައިނަލްއަގުވާމީ ދަތުުރުކުރަމުންދާ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދިވެހި އުފެއްދުންތައް ބަހައްޓަން އެ އެއާލައިނުން އޮތީ ތައްޔާރަށް ކަމަށެވެ.

ރާއްޖޭގެ ރިސޯޓްތަކަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނަމުންދާ ކަަމަށާއި އެހެންކަމުން ސުވެނިއާ މާކެޓްގައި ދިވެހި އުފެންދުންތަކަށް ފުރުސަތު އެބަހުރި ކަމަށް ސައީދު ވިދާޅުވި އެވެ.

ސުވެނިއާ ފިހާރަތަކަށް އެކަށީގެންވާ ވަަރަށް ސުވެނިއާ ނުލިބުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ވިޔަފާރިވެރިންގެ ޝަކުވާ އަކީ ދިވެހި އުފެންދުންތައް ދާއިމީކޮށް ލިބޭނެ ކަމުގެ ޔަގީންކަން ނެތުންކަމަށާއި ތަކެތި އުފައްދާ މީހުންގެ ޝަކުވާ އަކީ ދާއިމީ ކޮށް ތަކެތި ގަންނާނެ ބައަކު ތިބެދާނެ ތޯ ކުރާ ސުވާލުކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އިކޮނަމިކް މިނިސްޓްރީގެ ފެސިލިޓީގައި ރަޖިސްޓްރީ ކުރެއްވުމަށް ސައީދު އެދިވަޑައިގެންނެވި އެވެ.

" އަޅުގަނޑުމެންނާ ހިސާބަށް ޕްރޮޑަކްޓެއް ހިފައިގެން އައިސް މީތި ބާޒާރަށް ނެރެދޭށޭ ބުނީމަ ދެން މިނިސްޓްރީން މިކަން ނުކޮށްދީފިއްޔާ އަޅުގަނޑު އޭގެ ޒިންމާ ނަގާނަން،" ސައީދު ވިދާޅުވި އެވެ.

އަދި ރާއްޖޭގައި އުފެއްދޭނެ ޕްރޮޑަކްޓްސް ތައް ބަލާފައި މެޝަނަރީ އެތެރެކޮށްގެން ރާއްޖޭގައި ތަކެތި އުފެއްދުގެ މަސައްކަތްކުރައްވާނެ ކަަމަށް ސައީދު ވިދާޅުވިއެވެ.

ވިޔަފާރިއެއް ފަށަން އާ ޚިޔާލު އުފަންކުުރުވުމުން އިކޮނަމިކް މިނިސްޓްރީގައި ހުރި ވަސީލަތް މި ސަރަހައްދުން ވެސް ލިބޭނެ ކަމަަށް ގަބޫލު ނުކުރައްވާ ކަމަށް ސައީދު ވިދާޅުވި އެވެ.

" މި ސަރަހައްދުން ވެސް ލިބޭނެ އެއްމެ ފުރިހަމަ ވަސީލަތް މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމެންޓްގައި މިހިރީ ގާއިމުވެފައި،" ސައީދު ވިދާޅުވިއެވެ.

މިއަދު ޓޫރިޒަމް ސިނާއަތުގައި ތިބި އެންމެ ފުންނާބު އުސް ބޭފުޅުން އެއްޒަމާނެއްގައި އެ ވިޔަފާރި ފެށި ފަދައިން މިވަގުތު ބާޒާރަށް ނުކުމެ ކުޑަ ޚިޔާލެއް ދުނިޔެއަށް އުފަަން ކުރުވައިގެން ކާމިޔާބު ހޯއްދެވުމަށް ސައީދު ވިދާޅުވިއެވެ.

" އޭރު މީގެ ދިހަ އަހަރު ފަހުން ފަހަތް ބަލާފައި މި ދުވަސް ފެންނާނީ ވަރަށް އުޖާލާކޮށް،" ސައީދު ވިދާޅުވި އެވެ.

ދިވެހި ޒުވާނުންގެ ތެރެއިން ބިނާކުރުވަނިވި ޚިޔާލުތައް ކިތަންމެ އުނދަގުލަކުން ނަމަވެސް ގެނެސްފި ކަމަންވަންޏާ ޚިޔާލު، ފައިސާ އަށް ބަދަލުކުރެވޭނެ ގޮތަކަށް އުފަންކޮށްދޭން މި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.