17 May 2015, 22:16
ހުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަ މަހު ފަސޭހަ އިން މޭވާ އާއި ތަރުކާރީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުޅުމާލޭގައި ވަގުތީ މާރުކޭޓެއް ތައްޔާރުކުރަން ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލޭގައި އުޅޭ ފަރާތްތަކަށް ފަސޭހަކަމާ އެކު ރާއްޖޭގައި އުފައްދާ އަދި ހައްދާ ބާވަތްތައް ގަންނަން ލިބޭނެ އިންތިޒާމު އެ މާރުކޭޓުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި އެ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދޭ ފާރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެޗުޑީސީ އިން ބުނީ އެވަގުތީ މާރުކޭޓުގައި ހުންނާނީ 12 ގޮޅި ކަމަށާއި އެ ގޮޅިތަކަށް އެދުމަށް އެދޭ ފޯމް ދޫކުރަން ފަށާފައިވާ ކަމަށެވެ.
"ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައި ވަނީ މުނިސިޕަލް ޑިޕާޓްމަންޓް، އެޗްޑީސީ އޮފީސް، ގްރައުންޑް ފްލޯ، އެޗްޑީސީ ބިލްޑިންގް، ހުވަނދުމާ ހިނގުން، ހުޅުމާލެ އިން،" އެޗްޑީސީ އިން ބުންޏެވެ.
ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 12 އަށް ވުރެ އިތުރު ނަމަ ގޮޅި ދޫކުރާނެ ފަރާތްތައް ހޮވާނީ ގުރުއަތު ލައިގެން ކަމަށާއި އެކަމަށް އެ ކޯޕަރޭޝަނުން 1000 ރުފިޔާ ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވެސް ބުންޏެވެ.