އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކޮށް އެ ކުށް ސާބިތުކޮށް ނުދެވޭ ނަމަ އެމީހެއްގެ މައްޗަށް ދައުވާކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޖީ މުހުތާޒު ވިދާޅުވީ، ގައުމުގެ ޒިންމާދާރު ބައެއް ބޭފުޅުން މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވަމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު އިލްޒާމެއް ކަމަށެވެ.

ޕީޖީ ވިދާޅުވީ، އެފަދަ ތުހުމަތެއް މީހެއްގެ ބޮލުގައި އަޅުވާކަމަށްވަންޏާ އެމީހަކު އެކަން ސާބިތުކޮށްދޭންޖެހޭނެ ކަމަށާއި ސާބިތުކޮށް ނުދެވޭނަމަ އެފަދަ މީހުންނާމެދު ދައުވާކުރުމަށްޓަކައި ދިރާސާތައް ހަދަމުން އަންނަ ކަމަށެވެ.

"ހައްދުކަނޑައެޅިފައި ހުރި ކުށެއްގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އަޅުވާކަމަށް ވަންޏާ، އެ ތުހުމަތު ސާބިތުކޮށްނުދެވިއްޖެއްޔާ އެމީހަކާމެދު ދައުވާކުރުމުގެ ވިސްނުމެއް އެބަ ގެންގުޅެން. އަޅުގަނޑު އެކަމަށްޓަކައި ހަދަންޖެހޭ ރިސާޗުތައް ހަދަމުން މިދަނީ،" ޕީޖީ ވިދާޅުވި އެވެ.

އިސްލާމްދީނުގައި ހައްދުކަނޑައަޅާފައިވާ ކުށްތަކަކީ ޒިނޭކުރުމާއި މީހުން މެރުމާއި ވައްކަން ކުރުމާއި މުރުތައްދުވުމެވެ.