ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ މާ ފުޅާ ދާއިރާއެއްގައި އެއްވެއުޅުމުގެ ހައްގު ރާއްޖޭގައި ލިބިދީފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ މުހުތާޒު ވިދާޅުވީ، ފުޅާދާއިރާއެއްގައި އެއްވެއުޅުމުގެ މިނިވަންކަން ރާއްޖޭގައި ލިބިދޭތީ ނަތީޖާއެއްގެ ގޮތުން އެހެން ފަރާތްތަކުގެ ހައްގުތަކަށް ވެސް އެބަ އަރައިގަނެވޭ ކަމަށެވެ.

ޕީޖީ ވިދާޅުވީ، އެއްވެއުޅުމުގެ ހައްގުތައް ހަނިވެފައި އޮތް ކަމަށް ގަބޫލުނުރައްވާ ކަމަށާއި މުޒާހަރާތަކުގައި ފުލުހުންގެ ހުއްދަ ނުހޯދައި ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންނުކުރެވޭގޮތަށް ހެދުމަކީ އެއްވެއުޅުމުގެ ހައްގު ހަނިވެގެން ދިޔަ ކަމެއް ކަމުގައި ގަބޫލުފުޅުނުރައްވާ ކަމަށެވެ.

"ރިސާޗު ހައްދަވާބައްލަވާ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ވެހިކަލް ބޭނުންކުރަނީ ޕްރޮޓެސްޓުތަކުގައި. ދެން އަނެއްކާ މީގެކުރިން ރާއްޖޭގެ ތަޖުރިބާއަށް ބަލާއިރުވެސް ހިތި ދެއްތޯ. ވެހިކަލެއް ވަދެގެން އެދިޔައީ އެދުވަހު ހިނގައިދިޔަ ހާދިސާގައި. ސަލާމަތީ ބާރުތަކުގެ މީހަކު ކުރިމައްޗަށް ދިމާނުވިކަން ނަސީބު. އެހެންނޫންނަމަ ކުއްޖެއްގެ ފުރާނަ ދިޔައީސް،" ޕީޖީ ވިދާޅުވި އެވެ.

ފުލުހުންގެ ހުއްދައާ ނުލައި މުޒާހަރާތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލް ބޭނުންނުކުރެވޭގޮތަށް ހެދުމުން އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެއީ ގާނޫނު އަސާސީން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމުގެގޮތުން ކުރި ކަމެއް ކަމަށެވެ.