ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އަދިވެސް އެމަނިކުފާނަށް އެބައޮތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ މުހުތާޒު ވިދާޅުވީ، ދައުވާ ލިބޭ ފަރާތުގެ ބާރު ނުހިނގާ ކަމެއް މެދުވެރިވެގެން ސުޕްރީމް ކޯޓުން ކަނޑަޅާފައިވާ 10 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފު ނުކުރެވުމަކީ، އެއީ އިސްތިއުނާފުކުރުމަށް އޮތް ދޮރު ބަންދުވުން ކަމަށް ގަބޫލުފުޅުނުރައްވާ ކަމަށެވެ.

"އެ މައްސަލައަކީ އަޅުގަނޑު އަދިވެސް ގަބޫލުކުރާގޮތުގައި އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތް މައްސަލައެއް. ސުޕްރީމް ކޯޓު ސާކިއުލާގައި އިންނަނީ އެފަރާތަށް [ދައުވާ ލިބޭ ފަރާތަށް] 10 ދުވަސް ދީފައި. އެފަރާތުގެ ބާރު ނުހިނގާ ކަމެއް މެދުވެރިވެގެން އެ 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ނުކުރެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑު ގަބޫލުކުރާގޮތުގައި ހުށަހެޅިދާނެ،" މުހުތާޒު ވިދާޅުވި އެވެ.

ޕީޖީ މުހުތާޒު މުހުސިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

ޕީޖީ ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފުކުރަން އެމަނިކުފާނުގެ ގާނޫނީ ޓީމުން މަސައްކަތް ނުކުރާ ކަމަށާއި އޭގެބަދަލުގައި މީޑިއާގައި އެކިފަހަރު އެކިގޮތްގޮތަށް ގާނޫނީ ޓީމުން ވާހަކަދައްކަމުން އަންނަ ކަމަށެވެ.

މީޑިއާގައި ހަމައެކަނި ވާހަކަ ދައްކައިގެން އަޅުގަނޑު ގަބޫލެއް ނުކުރަން އިސްތިއުނާފުކުރެވިދާނެ ކަމަށް. އެކަމަށް މަސައްކަތްތަކެއް ކުރަންޖެހޭ ދެއްތޯ ދައުވާ ލިބޭ ފަރާތުން. އެމަސައްކަތް އަޅުގަނޑު ގަބޫލުކުރާގޮތުގައި ނުކުރައްވާ. ނުކުރައްވައި، ދައުލަތުން ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ އިސްތިއުނާފުކުރައްވަން ދެންނެވިޔަސް އަޅުގަނޑަށް ހީވަނީ، އެއީ ހަމަޖެހޭ އުސޫލެއް ނޫންހެން. ދައުވާ ލިބޭ ފަރާތުން އެފަރާތުގެ ހައްގު ބޭނުންކުރަން މަސައްކަތް ކުރައްވަންޖެހޭނެދެއްތޯ. މަސައްކަތް ކުރީމަ ވާނީ،" މުހުތާޒު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމް އިސްތިއުނާފް ކުރާނީ ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.