ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 48 ވަނަ އުފަންދުވަސް މާފުށީ ޖަލުގައި ފާހަގަކޮށްފި އެވެ.

ނަޝީދުގެ އާއިލާގެ މެންބަރުން މިއަދު ވަނީ ޖަލަށް ޒިޔާރަތްކޮށް ނަޝީދަށް އުފަން ދުވަހުގެ ތަހުނިޔާ ދަންނަވައި ބައެއް ހަދިޔާވެސް އަރުވާފައެެވެ. އެގޮތުން ނަޝީދުގެ ހަގު ދަރިކަނބަލުން ޒާޔާ ލައިލާ ނަޝީދު އާއި އެމަނިކުފާނުގެ އަނބިކަނަބަލުން ލައިލާ އަލީގެ އިތުރުން އާއިލާގެ އެހެންމެންބަރުންވެސް ވަނީ ޖަލަށް ޒިޔާރަތްކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފަންދުވަސް ފާހަގަކުރުމަށް ނަޝީދުގެ ހަގު ދަރިކަނބަލުން ޒާޔާ ލައިލާ ނަޝީދު އާއި ނަޝިދުގެ އަނބިކަނަބަލުން މާފުށީ ޖަލަށް ޒިޔާރަތްކުރަނީ -- ފޮޓޯ އެމްޑީޕީ

ނަޝީދުގެ އުފަންދުވަސް ޖަލުގައި ފާހަގަކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. އެގޮތުން އެމަނިކުފާނަށް، 24، 25، 26، އަދި 29 އަހަރު ފުރުން އުފަންދުވަހުވެސް ހޭދަކޮށްފައި ވަނީ ޖަލުގައެވެ.

އާއިލާގެ ފަރާތުން ނަޝީދުގެ އުފަންދުވަސް ފާހަގަކޮށްފައިވާއިރު، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ފަރާތުންވެސް ވެސް ނަޝީދުގެ އުފަންދުވަހާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން މިއަދު ހަވީރު ހެދިގޮނޑު ދޮށުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވެ އެވެ. އަދި އުފަންދުވަހުގެ ތަހުނިޔާ ނަޝީދަށް ފޮނުވަން ބޭނުންވާ ފަރާތްތަކުން މިއަދު ބޭއްވި ހަވީރުގައި ބައިވެރިވެ ތަހުނިޔާ ކިޔާފައިވެ އެވެ.

އޭގެ އިތުރުން މިރޭ ހެދިގޮނޑު ދޮށުގައި ނަޝީދުގެ އުފަންދުވަސް ފާހަގަކުރުމަށް މިއުޒިކްޝޯ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފަންދުވަސް ފާހަގަކުރުމަށް އެމްޑީޕީން މިއަދު ހެދިގޮނޑުދޮށުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ އެމްޑީޕީ

ނަޝީދުގެ އުފަންދުވަސް ފާހަގަކުރުމަށް ބައެއް ރަށްރަށުގައިވެސް މިއަދު ވަނީ ހަރަކާތްތަކެއް ހިންގާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފަންދުވަސް ފާހަގަކުރުމަށް ނ. ކުޑަފަރީގައި ތައްޔާރު ކުރި ކޭކު -- ފޮޓޯ އެމްޑީޕީ

ުކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.