17 May 2015, 17:49
ތަހުގީގަށް ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް މިއަދު ޖަހައިފި އެވެ.
އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ، މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ.
އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް އިތުރު ހަތް ދުވަސް ޖަހާފައިވަނީ ކުރިން ކޯޓުން އޭނާގެ ބަންދަށް ޖެހި 15 ދުވަސް މިރޭ ހަމަވާތީ އަލީ ވަހީދު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށްހާޒިރުކުރުމުންނެވެ.
އަލީ ވަހީދުގެ ފަރާތުުން ހައިކޯޓުގައި ބަންދުގެ މައްސަލަ އިސްތިއުނާފު ކުރިނަމަވެސް ކޯޓުން ނިންމާފައި ވަނީ އަލީ ވަހީދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ ރަނގަޅަށް ކަމަށެވެ.
އަލީ ވަހީދު 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލް ކުރެވެން ނެތް ކަމަށް ނިންމައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އަލީވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި ޒާތަށާއި ތަބީޢަތަށް ބެލުމުން، އަދި ހާދިސާ ހިނގައިދިޔަގޮތް ކަމަށް ބުނެ ފުލުހުން ފާހަގަކުރި ކަންކަމަށް ބެލުމުން، އޭނާގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ މިންވަރަށް ކްރިމިނަލް ކޯޓަށް ހެކި ހުށަހަޅާފައިވާކަން އެނގޭ ކަމަށެވެ.
އަލީ ވަހީދުގެ އިތުރުން އަދާލަތުޕާޓީގެ ރައީސް އިމްރާނުގެ ބަންދުގެ މުއްދަތު 10 ދުވަހަށް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.