ސީރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ކުރިން ބަލިކަށިވެފައިނުވާ މިންވަރަށް މިހާރު ބަލިކަށިވެފައިވާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ގިނަ ހަގީގަތްތަކެއް ހާމަކޮށް ލަންޑަންގައި ނުކުންނަ ދި އިކޮނިމިސްޓް ނޫހުގައި ޝާއިޢުކޮށްފައިވާ އެ ރިޕޯޓް ބުނާގޮތުން ބައްޝާރުގެ ވެރިކަން ބަލިކަށިވާން ފަށާފައި ވަނީ އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ވާދަވެރި އިދިކޮޅު ބައެއް ޖަމާއަތްތައް އެއްގަލަށް އަރަން ފެށުމުގެ ސަބަބުންނެވެ.

އިދިކޮޅު އެތަށް ޖަމާއަތްތަކެއްގެ އެއްބައިވަންތަކަމާއެކު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ޖަމާއަތްތައް ވަނީ ބިންމަތީގެ ހަނގުރާމައިގާ ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައެވެ.

މީގެތެރޭގައި ސީރިޔާގެ ދެކުނާއި ހުޅަނގު އުތުރުގެ އެތައް ސަރަހައްދުތަކަކުން ސަރުކާރު ސިފައިން ފައްސާލުމާއި ވެރިރަށް ދިމިޝްގުގެ ރަށްބޭރުގެ ބައެއް ހިސަބުތައް ޖަބްހަތުއްނުސްރާ ފަދަ ހަރުކަށި ޖަމާއަތްތަކުގެ އަތްދަށަށް ދިޔުން ހިމެނެއެވެ. ކުރިން ހަތުރުންގެ ގޮތުގައި ތަޅާފޮޅަމުން ގެންދިޔަ ސީރިޔާގެ އިދިކޮޅު އެތައް ޖަމާއަތެއް އެއްގަލަކަށް އަރައި "ފަތްހު ލަޝްކަރު"ގެ ނަމުގައި އުފައްދާފައިވާ އައު ލަޝްކަރުން ވަނީ ސީރިޔާގެ ދެކުނާއި ހުޅަނގު އުތުރުގެ ބައެއް ސަރަހައްދުތަކުގެ ވެސް ކޮންޓްރޯލް ހޯދާފަ އެވެ.

އެހެންކަމުން ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ބާރުގެ ތިލަފަތް މިހާރު ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮޅަށް ބުރަވާން ފަށާފަ އެވެ.

ސީރިޔާ ސިފައިންގެ ލަޝްކަރުތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިފައިން އަދަދު މަދުވުމާއި ސިފައިންގެ ލަޝްކަރުތަކަށް ވަންނާނެ ޒުވާނުން މަދުވުމެވެ. ހަތަރު އަހަރުގެ ދިގުލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާ ސިފައިންގެ ގިނަބަޔަކު ވަރުބަލިވެ މާޔޫސްވެފައިވާއިރު ސޫރިޔާގެ ޒުވާން އަންހެންކުދިން ވެސް ގެންދަނީ ފިރިހެނުން މަދުކަމުން ސަރުކާރުގެ ލަޝްކަރުތަކާ ގުޅިގެން އިދިކޮޅު ޖަމާއަތްތަކާ ދެކޮޅަށް ކުރީ ސަފުތަކުގައި ހަނގުރާމަ ކުރަމުންނެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯވެގެންދިޔައީ 2011 ވަނަ އަހަރުގެ އަރަބި ރަބީއުގައި އެ ގައުމުގެ އާންމު ރައްޔިތުންގެ ބަޔަކު، ރައީސް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ސުލްޙަވެރި ގޮތުގައި ނުކުތުމުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ފެންބޮވައިގެންފައި ތިބި ގަލްފުގެ އަރަބި ގައުމުތަކާއި ސޫރިޔާގެ އިދިކޮޅު ލީޑަރުން ސިޔާސީ މަގްސަދްތައް ޙާސިލް ކުރުމަށްޓަކައި އެކަމުގެ ތެރެއަށް ވަދެގަތުމާ ގުޅިގެންނެވެ.

ސީރިޔާގެ ރައްޔިތުންގެ އުތުރު އެރުމާއެކު ގަލްފުގެ އަރަބި ގައުމުތަކުން ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ފައިސާ އާއި ހަތިޔާރު ދޭން ފެށި އެވެ. ނަމަވެސް ގަލްފުގެ މި އަރަބި ގައުމުތަކުގެ ތެރެއިން ގަތަރު ފިޔަވައި އެހެން ގައުމުތަކަކީ ބައްޝާރުފަދަ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ދިފާޢުކުރުމަށާއި މުބާރަކްގެ ޚުދުމުޚްތާރު ވެރިކަމަށްފަހު މިސްރުގައި އުފެދުނު ޑރ. މުރުސީގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށް ޖެނެރަލް ސީސީ އަށް ފާޅުގައި އެހީތެރިވި ގައުމުތަކެވެ.

ސީރިޔާގެ ރައްޔިތުންގެ ސުލްހަވެރި އުތުރިއެރުން ހަތިޔާރުގެ ކުރިމަތިލުންތަކަކަށް ބަދަލުވެ އަދި އެއަށްފަހު ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަކަށް ބަދަލުވެގެންދިޔައީ ގަލްފުގެ ގައުމުތަކާއި ސީރިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ސަބަބުންނެވެ. ނަމަވެސް ބައްޝާރުގެ ސަރުކާރުން ވެސް އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރުމާއި ސުލްޙަވެރި ޙައްލަކަށް ފުރްސަތު ނުދިނުމުގެ އިތުރުން އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް މިކަމުގެ ތެރެއަށް ވަނުމަކީ ވެސް ސީރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމުގެ ސަބަބެއް ކަމަށް މިރިޕޯޓް ބުނެއެވެ.

ގަލްފުގެ ގައުމުތަކުގެ ބޭނުމަކީ އީރާނުގެ ނުފޫޒު ނެތް ސަރުކާރެއް ސީރިޔާގައި ގާއިމްކޮށްގެން އީރާނަށާއި ލުބްނާނުގެ ހިޒްބުﷲ އަށް ލަނޑު ދިނުމެވެ. ސީރިޔާގެ ވެރިކަން ބަދަލުވެއްޖެނަމަ ހިޒްބުﷲ އާއި އިރާގުގައިވާ އީރާނަށް ތާއީދުކުރާ ސަރުކާރު ބަލިކަށިވެދާނެތީ އީރާނުގެ މަގްސަދަކަށްވީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ބައްޝާރުގެ ވެރިކަން ވެއްޓުނަ ނުދީ ސަލާމަތް ކުރުމެވެ. އެހެންކަމުން ގަލްފުގެ އަރަބިންނާއި އީރާނުގެ މިކޯޅުގެ ޝިކާރައަކަށްވީ ސީރޔާގެ ކުށެއް ނެތް ރައްޔިތުންކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހަތަރު އަހަރުވީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ ރަށްތަކާއި އަވަށްތަކާއި ވިލެޖްތަކުގެ ފަސްދޮޅަސް އިން ސައްތަ މުޅިން ހަލާކުވެ ސުންނާފަތިވެ ވީރާނާވެފައިވާއިރު ދެލައްކަ އަށްވުރެ ގިނަމީހުން މަރުވެ ދެމިލިޔަނަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ. އަދި ސީރިޔާގެ އާބާދީގައި ހިމެނޭ 24 މިލިޔަން މީހުންގެ ތެރެއިން 11 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ޙާލުގައިޖެހި ރެފިއުޖީންނަށް ވެފަ އެވެ. (އިކޮނޮމިސްޓް)