ފޯނުތަކަށާއި ތުރީޖީ އަދި ފޯޖީ އެކިއެކި ޑިވައިސްތަކަށް ރޭންޖު ލިބިދޭ ދުވެލި އަވަސް ކުރުމަށް ބޭނުން ކުރާ ޑިވައިސްއެއް ކަމަށް "އީޒީ މެކްރޯ" އުރީދޫ އިން ރާއްޖޭގައި ބޭނުން ކުރަން ފަށައިފި އެވެ.

ރާއްޖޭގައި ތައާރަފް ކުރި ޑިވައިސްއަކީ ދެކުނު އޭޝިއާގައި އެފަދަ ޑިވައިސްއެއް ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

އެ ޑިވައިސްގެ ސަބަބުން އިމާރާތްތަކުގެ އެތެރޭގައި ދިމާވާ ނެޓްވޯކް މައްސަލަތަކަށް ލުޔެއް ލިބި ޑޭޓާ އަދި ވޮއިސްގެ ހިދުމަތްތަކުގެ ފެންވަރު ތްރީޖީ ޕްލަސް އަދި ފޯޖީ ނެޓްވޯކްތަކުގައި ފުރިހަމަވާނެ އެވެ.

އީޒީ މެކްރޯއަކީ ތިމާވެއްޓާ ވެސް ރައްޓެހި ޒީރޯ ކާބަން ފުޓްޕްރިންޓް ޑިވައިސްއެކެވެ. އަދި އީޒީ މެކްރޯގެ ސަބަބުން މީހުން ގިނަ ސަރަހައްދުތަކުގަޔާއި ގިނަ މީހުން އެއްފަހަރާ ހިދުމަތް ބޭނުން ކުރާ ގަޑިތަކުގައި ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ އެވެ.

އުރީދޫގެ ސީއީއޯ މީޑިއާއަށް މައުލޫމާތުދެއްވަނީ ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމްސިންހަ ވިދާޅުވީ އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންގެ އަޑު އަހައި ކަސްޓަމަރުންގެ ހިޔާލުތަކާއެކު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން މިއަދު ތައާރަފުކޮށްފައިވާ ހިދުމަތުން ކަސްޓަމަރުންނަށް ނެޓްވޯކް ބޭނުން ކުރުމުގައި ލުއިވެގެންދާނެ ކަމަށް ވިކްރަމް ވިދާޅުވި އެވެ.

ރާއްޖޭގައި އާންމުކޮށް އިމާރާތްތަކުގެ އެތެރޭގައި ނެޓްވޯކް ރޭންޖް ދައްވުމަކީ ދިމާވާ މައްސަލައެކެވެ. އުރީދޫގެ މި ހިދުމަތުގެ ސަބަބުން އެކަމަށް ހައްލެއް އަންނާނެ ކަމަށް ވިކްރަމް ވިދާޅުވި އެވެ.