17 May 2015, 16:04
މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ހައްޔަރުކުރިމީހުންގެ ތެރެއިން 22 މީހަކު ގޭބަންދަށް ބަދަލުކޮށްފިއެވެ.
މޭޑޭ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި މިހާރުތިބި 25 މީހުންގެ ތެރެއިން ދެ މީހަކު މިއަދު ވަނީ ދޫކޮށްލާފަ އެވެ. އަދި އެކަކު އިތުރު ހަތް ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބާކީ ތިބި 22 މީހުން ފަސް ދުވަހުގެ މުއްދަތަށް ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާއިރު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 123 މީހެއްގެ މައްސަލަ ޕްރޮސިިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފައި އެވެ.
ގޭބަންދަށް ބަދަލު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ހިމެނެ އެވެ. އޭނާގެ ގޭ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން، ފުލުހުން ޖުމްލަ ހައްޔަރު ކުރީ 193 މީހުނެވެ.