17 May 2015, 15:09
ކުޑަކުދިންނާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، 400 އަށް ވުރެ ގިނަ މައްސަލަ ރޯދަ މަސް ފެށުމުގެ ކުރިން ތަހުގީގު ނިންމުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ ރޯދަ މަސް ފެށުމުގެ ކުރިން ތަހުގީގުގެ މަސައްކަތް ނިންމަން ފަށާފައިވާ މި ހާއްސަ މަސައްކަތުގެ ދަށުން 433 މައްސަލައިގެ ތަހުގީގު މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. ފުލުހުން އަދި ބުނީ އެ މައްސަލަތަކުގެ ތަހުގީގު މަސައްކަތް ހަލުވިކަމާ އެކު ކުރިޔަށް ގެންދިއުމުގެ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)ގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންގެ ތެރެއިން ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ މިހާރު ވެސް އެޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުން ބަލަމުންދާ އާންމު މައްސަލަތަކާ އެހެނިހެން ކަންކަމުގެ އިތުރުން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
އޮޕަރޭޝަން ލޯޑްއޯވާގެ ނަމުގައި އެ މަސައްކަތް ފައްޓަވައި ދެއްވީ އެ ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ބަޝީރެވެ.
މި ރަސްމިއްޔާތު ފައްޓަވައި ދެއްވަމުން ބަޝީރު ވިދާޅުވީ އޮޕަރޭޝަންގެ މަގުސަދަކަށް ވާންވާނީ ފެންވަރު ރަނގަޅުކޮށް، ތަހުގީގުކުރެވި މައްސަލަތަކުގެ އަދަދު މަދުކުރުން ކަމަށެވެ. އަދި އެފަދަ އޮޕަރޭޝަނެއް ހިންގި ކަމުގައި ވިޔަސް ކުރާ މަސައްކަތް ކޮމްޕްރޮމައިޒް ވިޔަނުދީ އޮއްޓަރު ހުރި މަސައްކަތްތަކެއް ފެންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 14 މެއި އިން 16 ޖޫންގެ ނިޔަލަށެވެ.