ތިން ވަނަ ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް މިއަހަރު ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އާދަމް ޝަރީފު ވިދާޅުވީ މެލޭޝިޔާގެ ޔުނިވާސިޓީއަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސް ބާއްވާނީ ސެޕްޓެމްބަރު މަހުގެ އެކަކާއި ދެއެއްގައި ކަމަށެވެ.

"މިއަހަރު އަޅުގަނޑުމެން މަސައްކަތް ކުރަނީ ކުރިއަށް ވުރެ ރަނގަޅަށް ބައެއް ތަޖުރިބާކާރު ބޭފުޅުންގެ އެހީއާ އެކު މި ކޮންފަރެންސް ކުރިއަށް ގެންދިޔުމަށް. އެގޮތުން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މެލޭޝިޔާގެ ޔުނިވާސިޓީއަކާ ގުޅިގެން މިއަހަރު ސެޕްޓެމްބަރު އެކެއް އަދި ދޭއްގައި ކޮންފަރެންސް ބޭއްވުމަށް،" އާދަމް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އެ ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތައުލީމީ އެކި ދާއިރާގެ ފަރާތްތަކުން ބައިވެރި ވާނޭ ކަމަށެވެ.

ދެ ދުވަހަށް ކުރިއަށްދާ އެ ކޮންފަރެންސްގައި ރިސާޗު ހަދާ ބޭފުޅުންނަށް އެ ފަރާތްތަކުގެ ރިސާޗުތައް ދައްކާލެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އާ އީޖާދު ކުރަނިވި ހިޔާލުތަކާއި ކޮންސެޕްޓްތައް ވެސް އެ ކޮންފަރެންސްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކޮންފަރެންސްގެ ތެރެއިން ޓީޗަރުންނަށް ބޭނުންވާ ފަންނީ ވޯކްޝޮޕުތަކުގެ އިތުރުން ތަޖުރިބާތަކާއި މަސައްކަތްތައް ހިއްސާ ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ގާޒީ ބިލްޑިންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ކޮންފަރެންސްގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރެއިން އާ މަންހަޖުގެ މުހިއްމު ބައެއްގެ ތެރޭގައި ހިމެނޭ އައިސީޓީ އިންޓަގްރޭޓްކޮށް ކިޔަވައިދިނުމާ ގުޅިގެން ވިޑިއޯ ހެދުމުގެ މުބާރާތެއް ކުރިއަށްދާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެ މުބާރާތަކީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނާއި ކިޔަވައިދޭ ޓީޗަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޮންފަރެންސްގެ އެންމެ މުހިއްމު އެއް ބައެއްގެ ގޮތުގައި ހާއްސަ ކޮށްލަން، ގައުމީ މަންހަޖުގެ މުހިއްމު ބައެއްގެ ގޮތުގައި އައިސީޓީ އިންޓަގްރޭޓް ކޮށްގެން ކިޔަވައިދޭން ފަށާފައިވާތީ އާއެކު ދަރިވަރުންނާއި ޓީޗަރުންނަށް ހާއްސަކޮށްގެން ކިޔަވައިދިނުމުގެ ދާއިރާއިން ކުރާ މަސައްކަތްތައް އައިސީޓީގެ އަލީގައި ވީޑިއޯ ކްލިޕްތަކެއް ހެދުމުގެ މުބާރާތް،" އޭނާ ވިދާޅުވި އެވެ.