ތިން ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތް، 1.2 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެ ތިން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އެ ތިން އެމްއޯޔޫގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

އެ ތިން މަޝްރޫއު އިން އެއް މަޝްރޫއަކީ ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތް ކުރުމާ ބެހޭ މަޝްރޫއުއެކެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރަޒާ ކޮންޓްރެކްޓިން ކޮމްޕެނީއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮޮށްފައި ވަނީ 1،061،341.25 ރުފިޔާ އަށެވެ. އެ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް 105 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮފްވާނު

ދެވަނަ އަށް ސޮއިކޮށްފައި ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ސްޓޯރޭޖް ހަންތައް ސަޕްލައި ކުރުމާ ބެހޭ މަސަައްކަތެކެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގް ކޮމްޕެނީއާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 90،100 ރުފިޔާ އަށެވެ. އަދި އެ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރެވޭތާ 70 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮފްވާނު

ތިން ވަނަ ޕްރޮޖެކްޓަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހެދުމަށް ހަމަޖެހިފައިވާ ތިން ބުރީގެ އެކްސްޓެންޝަން އިމާރާތުގެ ކުރެހުމާއި ބިލް އޮފް ކުއަންޓިޓީގެ މަސައްކަތެވެ. އެ މަސައްކަތް ހަންނާނު ޔޫސުފް އާކިޓެކްޓްސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 99،100 ރުފިޔާ އަށެވެ. އެ މަސައްކަތް ނިންމަންޖެހެނީ 70 ދުވަހުގެ ތެރޭގަ އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮފްވާނު

އެ ތިން އެއް ބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ތިން ޕްރޮޖެކްޓަކީ އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހަވާލުކުރެވުނު މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދެއްގައި 70 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން ގެންދާއިރު ކުރިއަށް އޮތް ތަނުގައި 50 ޕްރޮޖެކްޓެއް އެވޯޑް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮފްވާނު

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައްޔިތުންނަށް ވީހާ ވެސް ކައިރިން ސިއްހީ ހިދުމަތްތައް ލިބި، ސިއްހީ ދާއިރާއަކީ ރައްޔިތުންގެ ބަލައިގެންނަ ދާއިރާއެއް ކަމުގައި ހެދުން." މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސޮއިކުރި ތިން އެއްބަސްވުމުގެ ދަށުން ނ. ހޮޅުދޫގެ ސިއްހީ މަރުކަޒުގެ ސީލީންގް ކުރުމާއި ފާހާނާތައް މަރާމާތުކުރުމާއި ދިޔަދޮވިތައް ބަދަލުކުރުމާއި ޕޯޓިކޯ ހެދުމާއި ދޮރާއި ދޮރުފަތްތައް ބަދަލުކުރުމާއި އެމްބިޔުލާންސް ވޭ ޕޭކުރުމާއި ތަނުގައި އެއާކޮންޑިޝަން ބެހެއްޓުން ހިމެނެ އެވެ.

މީގެއިތުރުން ރ. އުނގޫފާރު ހޮސްޕިޓަލްގެ ޕްރޮޖެކްޓުގެ ދަށުން އެ ހޮސްޕިޓަލްގައި ހުރި މީރުފެން އުފައްދާ ޕްލާންޓުން އުފައްދާ ފެން ރައްކާކުރާނެ މިހާރު ހުރި ސްޓޯރޭޖް އިތުރުކުރުމަށް ބޭނުންވާ 5000 ލީޓަރުގެ 4 ކަޅުހަން އެ ހޮސްޕިޓަލަށް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެކެވެ. އަދި ތިން ވަނަ މަޝްރޫއަކީ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލްގެ ތިން ބުރީގެ އިމާރާތުގެ ސްޓްރަކެޗުއަރަލް އަދި ސާވިސް ކުރެހުންތައް ތައްޔާރުކުރުމެވެ. އެ ހޮސްޕިޓަލްގެ އާ އިމާރާތް ނިމޭއިރު 10 ކޮޓަރީގެ ޕްރިވެޓް ވޯޑަކާއި އެކްސިޑެންޓާއި އެމެޖެންސީތަކަށް ހާއްސަ ފްލޯއެއް ގާއިމްކުރެވޭނެ އެވެ.