17 May 2015, 14:59
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތުދީފިއެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވި ދައުވާ ލިބޭ 13 މީހަކަށް ދިފާއީ ހެކި ހުށަހަޅަން ފުރުސަތުދީފައި ވަނީ މާދަމާގެ ނިޔަލަށެވެ.
އެ އެންމެން މިއަދު ދައުވާ އަށް އިންކާރުކުރުމުން ދައުލަތުން ވަނީ އެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް 10 ފުލުހަކު ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. އެމައްސަލައިގެ އިތުރުއަޑުއެހުމެއް ދެން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.
އެ މައްސަލާގައި މިއަދު ޝަރީއަތަށް ހާޒިރުވި މީހުންނަކީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ އާއި މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅާއި ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރާއި މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު އާއި ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރާއި ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ އާއި މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދާ އާއި ހ. ޓިވެގާލައިޓް ފަރީޝާ އަހްމަދާއި މ. ތަންތާރަ، އާމިނަތު ޒިމްނާ އާއި ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ އާއި ގ. ދުވާފަރު، އާއިޝަތު މަމްދޫހާގެ އިތުރުން މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދެވެ. ރާއްޖެއިން ބޭރުގައި އުޅޭތީ ޝަރީއަތަށް ހާޒިރުވެފައިނުވާ މީހުންނަކީ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު އާއި މ. ފެހިފަތް ޔުމްނާ އެވެ.
އެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ، އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ އެމީހުންގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރު ހިފައިގެން އެއްވެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައިވާތީ ކަމަށެވެ.
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.