ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މިއަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ޖިހާދު "ސަން" އަށް މިއަދު ވިދާޅުވީ ހަމަހަމަ ކަމާއެކު ރޯދަ އިނާޔަތް ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި އެބަ ހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އެކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މަޖިލީހުން މި ފާސްކުރަނީ އިތުރަށް ރޯދަ އިނާޔަތް ދޭނީ 1000 ރުފިޔާ ވެއްޖިއްޔާ 1000 ރުފިޔާއޭ. އެބައި އަޅުގަނޑުމެންނަށް ބަޖެޓުން ހަމަޖެހިގެންދާނެ. އެކަމުގައި އިރާދަކުރެއްވިއްޔާ މައްސަލައެއް ނެތް،" ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ރޯދަ އިނާޔަތް ހަމަހަމަކަމާއެކު ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުން ނެގުމަކުން ސަރުކާރުން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ދައުލަތުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކޮށް ލިބޭނެ ގޮތް ހެދުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

ނިހާން ވިދާޅުވީ އެންމެ ކުޑަވެގެން 3000 ރުފިޔާ ރޯދަ އިނާޔަތެއްގެ ގޮތުގައި މުވައްޒަފުންނަށް ދޭންޖެހޭ ކަމަށެވެ. އަދި ރޯދަ އިނާޔަތް އެންމެނަށް ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ޖެހޭކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ދިހަ ހާސް ރުފިޔާ ލިބޭ މީހުންގެ އަތުން ބަހާލީމަ ކޮންމެ މީހަކަށް މި ބޮޑުވެގެން ދަނީ 50 ރުފިޔާ ވަރު. އެހެންވީމަ އެ އަދަދަކުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތްތާ. މިހާރު ރޯދަ އިނާޔަތް 3000 ރުފިޔާއަށް ވެސް ބޮޑު ކުރަން މިއަހަރަށް އެބަ ބޭނުންވޭ 36 މިލިއަން ރުފިޔާ ވަރު." ނިހާން ވިދާޅުވި އެވެ.