މިސްރުގެ ފުރަތަމަ ޑިމޮކްރެޓީކް ރައީސް ޑރ. މުހައްމަދު މުރުސީ މެރުމަށް އެގައުމުގެ ކޯޓުން ހުކުމް ކުރި މައްސަލާގައި ހުޅަނގުގެ ގައުމުތަކުން މަޑުން ތިބުމުން ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާން އެމެރިކާއަށާއި ހުޅަނގުގެ ޤައުމުތަކަށް ފާޑު ވިދާޅުވެފައިވަނިކޮށް އެމެރިކާއިންވެސް އެކަން ކުށްވެރި ކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުރުސީއާ އެކު 100 ވަރަކަށް މީހުންނަށް މަރުގެ ހުކުމް އިއްވާފައުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ އަނެއްކާވެސް މިސްރުގައި ސަތޭކަ ވަރަކަށް މީހުންނަށް މަރުގެ ހުކުމް އިއްވުމުން. އޭގެތެރޭގައި މިސްރުގެ ކުރީގެ ރައީސް ވެސް ހިމެނޭ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އޮފިޝަލް ވިދާޅުވި އެވެ.

މުރުސީއަށް މަރުގެ ހުކުމް އިއްވިތާ ކުޑައިރުކޮޅެއްފަހުން ފެށުނު އިންޓަނޭޝަނަލް ޔޫތު އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް ޢުރުދުޣާން ވިދާޅުވީ ހުޅަނގުން މަރުގެ ޙުކުމަށް ތާޢީދު ނުކުރާއިރު މުރުސީއަށް މަރުގެ ހުކުމް އިއްވިއިރު މަޑުން ތިބޭތީ އެކަމާ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

"ހުޅަނގާއި ޔޫރަޕިއަން ޔޫނިއަން! ތިޔަ ގައުމުތަކުންނާއި ތިޔަ ޖަމާޢަތްތަކުން މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާ ނުލަންތަ؟ އެހެންވިއްޔާ އެކަން ކުރާ ގައުމުތަކާ ދޭތެރޭ ތިޔަބޭފުޅުން ފިޔަވަޅެއް ނާޅުއްވަނީތޯ؟ ކިއްވެތޯ ތިޔަ މަޑު ކުރައްވަނީ ކީއްވެތޯ ތިޔަ ހަނުން ތިއްބަވަނީ؟ އުރުދުޣާން ސުވާލު އުފެއްދެވިއެވެ.

އިއްޔެ ތުރުކީގެ އިސްތަންބޫލް ގައި ބޭއްވި އިންޓަނޭޝަނަލް ޔޫތު އިވެންޓްގެ ތެރެއިން ތުރުކީގެ ރައީސް ޢުރުދުޣާން: އެމަނިކުފާނު ވަނީ މުރުސީގެ މައްސަލައިގައި ހުޅަނގުން ހަނުން ތިބޭތީ ފަޑު ވިދާލުވެފައި --- ފޮޓޯ/ އަނަޑަލޫ ނިއުސް އެޖެންސީ

މުރުސީއަށް އިއްޔެ މަރުގެ ހުކުމް އިއްވިއިރު އެމެނެސްޓީ އިންޓަނޭޝަލާއި ހިޔުމަން ރައިޓްސް ވޮޗްއިންވެސް ވަނީ އެކަން ވަގުތުން ކުށްވެރިކޮށްފައެވެ.

މުރުސީއާ އެކު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމުގައިވާ މުސްލިމު ބްރަދާހުޑަށް ނިސްބަތްވާ 122 މީހެއްގެ މައްޗަށް ވެސް އިއްޔެ މިސްރުގެ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފައެވެ.

މުރުސީއަށް މަރުގެ ހުކުމް އިއްވާފައިވަނީ 2011 ވަނަ އަހަރު މިސްރުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އެގައުމުގެ ޖަލެއް ހަލާކުކޮށްލުމުގައި މުރުސިއާއި މުސްލިމް ބްރަދާހުޑްގެ ބައެއް ސަޕޯޓަރުން ބައިވެރިވެފައިވާ މައްސަލަ ޝަރީއަތަށް ސާބިތުވުމުންނެވެ. މުރުސީގެ މައްޗަށްވަނީ އިތުރު ދައުވާތަކެއްވެސް އުފުލާފައެވެ.