17 May 2015, 13:01
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން މީރާ އަށް ދައްކަން ޖެހޭ 5.9 މިލިއަން ޑޮލަރު ދެއްކުމުން އެކައުންޓްތައް ރިލީޒްކޮށްފި އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީޑީސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް މިއަދު ވިދާޅުވީ އެކުންފުންޏަށް 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު ދީފައިވާ ދެ ރަށަކަށް ދައްކަން ޖެހޭ ކުލި ކަމަށްވާ 5.9 މިލިއަން ޑޮލަރު ނުދެއްކުމުން ފުރީޒް ކުރި އެކައުންޓްތައް އެ ފައިސާ ދެއްކުމުން މިހާރު ރިލީޒް ކޮށްފައިވާ ކަމަށެވެ.
"މީރާ އާއި ސަރުކާރާއި މަޝްވަރާ ކޮށްގެން އެ ފައިސާ މިހާރު ވާނީ ދައްކާފައި. އެހެންވީމާ މިހާރު އެކައުންޓްތައް ވަނީ ދޫކޮށްލެވިފައި،" ނިޔާޒް ވިދާޅުވި އެވެ.
މީރާ އިން ވަނީ 11 ކުންފުންޏެއްގެ އެކައުންޓްތައް ފުރީޒް ކޮށްފަ އެވެ. ފްރީޒު ކުރި އެކައުންޓަތަކުގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސް އާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެ އެވެ.
ވިލާ އިން ދައުލަތަށް 90 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދައްކައިވާ ކަމަށް މީރާ އިން ބުނެ އެވެ.
މީގެ އިތުރުން ހިފަހައްޓާފައިވާ އެކައުންޓްތަކަކީ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ ްެއެެކައުންޓްތަކާއި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީޑީސީ އާއި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޖަޒީރާ ޕްރައިވެޓް ލިމިޓެޑާއި ތްރީއޭ ކޮމްޕެނީގެ އިތުރުން މެދުފުއްޓާއި ލެގޫން އިންވެސްޓްމަންޓާއި އެގްޒޯޓިކް ޕްރޮޕަޓީސް އާއި ކަނިފުށި އިންވެސްޓްމަންޓާއި އަހުމަދު ވަހީދު އާއި އަބްދުﷲ އަލީގެ އެކައުންޓްތަކެވެ.
ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ވިދާޅުވީ އެކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ ދެއްކި ކަމެއް އަދި ނުދައްކާކަމެއް ވެސް ސާފެއް ނުވެ އެވެ.