17 May 2015, 12:33
އިގްތިސާދީ ދާއިރާ ފުޅާކޮށް އިގްތިސާދީ ގޮތުން ގައުމު ކުރިއެރުވުމަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން މޮންގޯލީއަށް އެއް ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދިނުމަށް ނިންމައިފި އެވެ.
އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ މޮންގޯލީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އަދި އެ އެހީތެރިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެއް ބިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން މޮންގޯލީ އާއި އިންޑިއާއާއި ދެމެދު ވަނީ 14 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން ދިފާއީ ބާރުތަށް ވަރުގަދަކުރުމާއި، ސައިބާ ސެކިއުރިޓީ އާއި ދަނޑުވެރިކަން އަދި ސިއްހީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
"އިންޑިއާއިން މޮންގޯލީގެ އިގްތިސާދީ ހަރަދުތަކާއި، މަސައްކަތްތަކަށް އެއް ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިން،" މޮންގޯލީގެ ސްޓޭޓް ޕެލެސްގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްއެއްގައި މޯދީ ވިދާޅުވި އެވެ.
މޯދީ އަކީ މޮންގޯލީއަށް ޒިޔާރަތް ކުރި އިންޑިއާގެ ފުރަތަމަ ޕްރައިމް މިނިސްޓަރެވެ. އެކަން މޯދީ ފާހަގަކުރައްވާފައި ވަނީ އޭނާއަށް ލިބުނު "ޝަރަފެއް"ގެ ގޮތުގަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކާއި، އެކު ދެގައުމުގެ އިގްތިސާދީ ގުޅުން އިތުރު ލެވެލްއަކަށް ޖެހިލާނެ ކަމަށް ވެސް މޯދީ ވަނީ ފާހަގަކުރައްވާފަ އެވެ.
މޮންގޯލީއަށް މޯދީ ދަތުރުކުރެއްވުމުގެ ކުރިން ވަނީ ޗައިނާއަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ޗައިނާއިން ވަނީ އިންޑިއާއަށް ދެ ބިލިއަން ޑޮލަރުގެ އެހީއެއް ދެއްވާފަ އެވެ.