17 May 2015, 12:19
ޓެލެސްކޯޕުގެ އެހީގައި "ޖުޕިޓާ" ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.
ސައިންސުގެ ދިރާސާތަކާއި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ "ސައިންސް އެންމެނަށް"ގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ ޓެލެސްކޯޕުގެ އެހީގައި އިރަވީ ނިޒާމުގެ އެންމެ ބޮޑު ގުރަހަ "ޖުޕިޓާ" ބަލާލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން މާދަން ރޭ މަސްވެރިން ޕާކްގައި ހާއްސަ ހަރަކާތެއް އޮންނާނެ ކަމަށެވެ.
"އެ ހަރަކާތް ކުރިއަށް ދާނީ ރޭގަނޑު 7:30 އިން 9:30 އަށް މަސްވެރިންގެ ޕާކުގައި. މި ހަރަކާތުގައި ތިން ޓެލެސްކޯޕު ބެހެއްޓިފައި ހުންނާނެ، އަދި ބައިވެރިވެ ބެލުން މުޅިން ހިލޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޓެލެސްކޯޕުތަކުގެ އެހީގައި ޖުޕިޓާގެ ބައްޓަމާއި ކުލަވަރާއި ހަތަރު ވަރަކަށް ހަނދު ފެންނާނެ ކަމަށެވެ.
ޖުޕިޓާއަކީ އިރަވީ ނިޒާމުގައި އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހަ އެވެ. ޖުޕިޓާ އަކީ އިރަވީ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު ގުރަހައެކޭ އެއްފަދައިން ގޭހުގެ މައްޗަށް ބިނާވެގެންވާ، ހަރު ބިމެއް ނޯންނަ ގުރަހައެކެވެ. ޖުޕިޓާވަށާ ބުރުޖަހާ 67 ހަނދު ވެ އެވެ.
ސައިންސް އެންމެންގެ ފަރާތުން ވަނީ ދާފި ފަހުން ޓެލެސްކޯޕް މެދުވެރިކޮށް ރައްކާތެރި ކަމާއެކު ކައިރިން އިރު ބަލާލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދީފައެވެ.