17 May 2015, 12:08
ވަޅޯ މަހާއި ލޮނުމަސް ވިއްކާ މާރުކޭޓްގައި ބުޅާ އުޅޭކަމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.
ވަޅޯމަސް މާރުކޭޓުގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ މާކެޓުގައި މަސްވިއްކަން ބަހައްޓާފައި ހުންނަ މޭޒުތައް ކައިރިގަ އާއި އެތަނުގެ ތެރޭގައި މީހުން ހިނގާ މަގުގައި ގިނައިން ބުޅާ އުޅެ އެވެ.
އެ މާރުކޭޓުގައި މަސް ވިއްކުމަށް ހަރަކާތްތެރިވާ ބައެއް ވިޔަފާރި ވެރިންނާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އެ މާރުކޭޓައި ގިނަ އަދަދަކަށް ބުޅާ އުޅެ އެވެ. އެއީ މާ ބޮޑު މައްސަލައަކަށް ގިނަ މީހުންނަކަށް ނުވެ އެވެ.

އެކަމާއި ގުޅޭގޮތުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ޑިރެކްޓަރު މައިމޫނާ އަބޫބަރު ވިދާޅުވީ އެފަދަ މާރުކޭޓެއްގައި ބުޅާ އުޅޫމަކީ މައްސަލައެއް ކަމަށާއި އޭގެ ސަބަބުން އެތަނުން ވިއްކާ ކާބޯތަކެއްޗަށް އަސަރު ކުރާނެ ކަމަށެވެ. އެފަދަ މައްސަލައެއް ހުށައެޅިފައި ނެތް ކަމަށާއި ނަމަވެސް އެ މައްސަލަ އެ އެޖެންސީން ބަލާނެ ކަމަށެވެ.
"ގައިޑުލައިންއެއްޗެއް މާރުކޭޓްތަކަށް ހެދިފައެއް ނެތް، އެހެން ނަމަވެސް ކާބޯތަކެއްޗަށް އަސަރު ކުރާނެ، އެ ގެންގުޅޭ ތަންތަނަށް ބުޅާ މީދާ އެފަދަ ތަކެތި ވަދެގެން ނުވާނެ،" މައިމޫނާ ވިދާޅުވިއެވެ.
މީގެ ކުރިން ވަނީ ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ވިއްކަން ހުންނަ ދަތުރުވެރިންގެ މާރުކޭޓްގައި މީދާ އުޅޭކަމުގެ ޝަކުވާތަކެއް ފެންމަތިވެފަ އެވެ.
ބުޅާ މީދާ ފަދަ ތަކެތި ކާބޯތަކެއްޗަށް އެރުމަކީ އޭގެ ސަބަބުން ބޮޑެތި ބަލިތައް ފެތުރުމަށް މަގުފައިވާ ކަންކަމެވެ.