ސިވިލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާ ގުޅިގެން ވޯކްޝޮޕެއް ފަށައިފި އެވެ.

ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި މިއަދު ފެށި އެ ވޯކްޝޮޕަކީ ދެ ދުވަހަށް ކުރިއަށްދާ ވޯކްޝޮޕެކެވެ. "ވިޝަނިން: މޯލްޑިވްސް ސިވިލް ސާވިސް 2016-2020"ގެ ނަމުގައި ފެށި އެ ވޯކްޝޮޕްގައި ސިވިލް ސާވިސް ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް މަޝްވަރާ ކުރެވި ވާހަކަ ދައްކާނެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސާ މުހައްމަދު އަމީން އިބްރާހިމް ވިދާޅުވީ އެކި މުވައްސަސާތަކުން އެ ވޯކްޝޮޕުގައި ޖުމްލަ 55 ފަރާތަކުން ބައިވެރި ވެފައިވާ ކަމަށެވެ.

އެގޮތުން އެ ވޯކްޝޮޕުގައި ސިޔާސީ ބޭފުޅުންނާއި ޕާމެނެންޓް ސެކްރެޓަރީގެ އިތުރުން މިނިސްޓްރީތަކުގެ ސްޓްރެޓީޖިކް ޕްލޭނިންގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބައިވެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ވޯކްޝޮޕްގައި އެ ކޮމިޝަންގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލަން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް މައްޗަށް އަލިއަޅުވާލާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެކުލަވާލާ އެއްޗެކެވެ. އެގޮތުން އެންމެ ފަހުން އެ ޕްލޭން އެކުލަވާލާފައި ވަނީ 2011 ވަނަ އަހަރުގަ އެވެ.