ގދ. ނަޑެއްލާ ކައިރީގައި އޮންނަ 'އޮޅުރަޓާ' ނަމަކަށް ކިޔާ ފަޅުރަށެއްގެ ފަރަށް ބޯޓެއް އިއްޔެ ލައްގައިފިއެވެ.

'ސަން' އަށް މައުލޫމާތުދެއްވަމުން ނަޑައްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވީ އެ ބޯޓަކީ ގާތްގަނޑަކަށް 55 ފޫޓްގެ ލަކުޑި ބޯޓެއް ކަމަށާއި ބޯޓް ބޭރުން ފައިބަރު ކޮށްފައިވާ ކަަމަށެވެ. އެބޯޓުގައި އެއްވެސް މީހަކު ނެތެވެ. އެބޯޓް އޮތީ ބަންޑުން ޖަހާލާފައެވެ.

" ބޯޓްގެ ދިރުބާކޮޅު އޮތީ ފަރަށް އަރާފައި. ފަހަތް ކޮޅު އޮތީ ބޭރަށް. އެހެންވުމުގެ ސަބަބުން ބޯޓަށް ވަރަށް ބޮޑެތި ގެއްލުން ވަނީ ލިބިފައި. ބޯޓްގެ ބައެއް ތަންތަނުން ބިންދައިގެން ގޮސް ލަކުޑިތައް ވެސް ވަނީ ނެއްޓިފައި" ފައިސަލް ވިދާޅުވިއެވެ.

މި ބޯޓް ލައްގާފައިވާ ފަރުން ތަކެތީގެ ތެރޭގައި ޕާސްޕޯޓް ސައިޒްގެ ފޮޓޯ އެއް ޖަހާފައި އޮތް ލިޔުމެއް ފެނުނު ކަމަށާއި އެ ލިޔުމަށް ބަލާއިރު ލަފާކުރެވެނީ އެ ބޯޓަކީ އިންޑޮނީޝިއާ ބޯޓެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން މޯބައިލް ފޯނަކާއި ސިމެއް ފެނިފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި ބޯޓްގެ ވާހަކަ ކައުންސިލަށް ލިބުމާއި އެކު ފުލުހުންނާއި އެމްއެންޑީއެފަށް އަންގާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އަދުނާން އަހުމަދު ވިދާޅުވީ އެ ބޯޓް ވަރަށް ބޮޓަށް ފަރަށް އަރާފައިވާކަމަށާއި ބޯޓް ދުރު ކުރަމަށް މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ނަޑައްލާ ކައުންސިލުން ވެސް ވަނީ އިއްޔެ އެ ބޯޓް ލައްގާފައިވާ ހިސާބަށް ގޮސްފައެވެ. އެހެންނަމަވެސް ހުޅުނގު މޫސުން ކަމަށްވުމުން އެ ސަރަހައްދު ވަަރަށް ގަދަ ކަަމަށާއި އެހެންކަމުން ބޯޓާއި މާބޮޑަށް ކައިރި ނުވެވުނު ކަަމަށެވެ.