ގާހިރާ (މޭ 17) : މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ މައްޗަށް މިސްރުގެ ކޯޓަކުން މަރުގެ ހުކުމް އިއްވުމާގުޅިގެން އުފެދިދާނެ ކަމަށް ބެލެވޭ ހަމަނުޖެހުންތަކާ ކުރިމަތިލުމުގެ ގޮތުން މިސްރުގައި ކުއްލި ޙާލަތު އިޢްލާންކޮށްފި އެވެ.
މިސްރުގެ ދާޚިލީ ވުޒާރާ އިން ބުނީ މިސްރުގެ ހުރިހާ ކަންކޮޅުތަކެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް މުޒާހަރާކުރުމާއި ތަންތަނަށް މީހުން އެއްވެ އުޅުން މަނާކޮށްފައިވާ ކަމުގަ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި އާންމު މައިދާންތަކާއި ބޮޑެތި މަގުތަކުގައި އާދަޔާ ޚިލާފަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާނެ ކަމުގަ އެވެ. މިސްރުން ލިބޭ ޚަބަރުތައް ބުނާ ގޮތުން ގާހިރާއާއި މިސްރުގެ ބޮޑެތި ސިޓީތަކުގެ މުހިއްމު އިމާރާތްތަކާއި މައިދާންތަކުގެ ކައިރީގައި ސިފައިން ގެންދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

އަނެއްކޮޅުން މިސްރުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ސައިނާގައި ރޭ ދިން ޙަމަލާތަކެއްގައި މިސްރުގެ ތިން ފަނޑިޔާރަކުވަނީ މަރާލާފަ އެވެ. މިޙަމަލާތަކުގެ ފަހަތުގައި ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފި ކަމަށްވާ "ވިލާޔަތު ސީނާ"ގެ ހަނގުރާމަވެރިން ކަމަށް ލަފާކުރެވޭ ކަމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ. މިޙަލާތަކުގައި އެބަހުގެ ޑްރައިވަރު ވެސް މަރުވެ އިތުރު ފަނޑިޔާރަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވެ އެވެ.


މިސްރުގެ ޝަރުޢީ ދާއިރާއިން އިއްޔެ ވަނީ މަގާމުން ދުރުކޮށްފައިވާ އެގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމާ މެދު މިސްރުގެ މުފްތީގެ ލަފާހޯދުމަށް ޓަކައި އެމައްސަލަ މުފްތީގެ އޮފީހަށް ފޮނުވާފަ އެވެ. (އަލްޖަޒީރާ)