ލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް އުފުލައިފި އެވެ.

އާޒިމްގެ ޓްވިޓަގައި މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ކޯޓަށް ހާޒިރުވުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ. ކޯޓަށް ހާޒިރުވުމަށް އަންގައި އާޒިމަށް ފޮނުވާފައިވާ ޗިޓުގެ ފޮޓޯއެއް ވެސް އޭނާ ވަނީ ޓްވިޓާގައި އާންމުކޮށްފަ އެވެ. ޗިޓުގައިވާ ގޮތުން އާޒިމް ކޯޓަށް ހާޒިރުކުރަނީ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ ދައުލަތުން އާޒިމްގެ މައްޗަށް އުފުލާފައި ވާތީ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން:އަނިޔާވެރިކަމާއި ދެކޮޅަށް" ކަމަށް ބުނެ މާލޭގައި ބާއްވަމުންދާ އެއްވުންތަކުގެ ތެރެއިން 27 ފެބުރުއަރީގައި ބޭއްވި ބޮޑު އެއްވުމުގައި ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން އާޒިމް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 12000 ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލާނެ އެވެ. އެހެންކަމުން އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވިޔަށް މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.