ސީރިއާ ހަނގުރާމައަށް ދިވެހިން ދޭތޯ ބެލުމަށް ރާއްޖެއިން ބޭރަށް ފުރާ ފުލައިޓުތައް ފުލުހުން ޗެކު ކުރަން ފަށައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ޗެކު ކުރަމުން ދަނީ ދެ އެއާލައިންގެ ފުލައިޓުތަކެވެ. އެއީ ޓާކިޝް އެއާލައިނާއި ފުލައި ދުބާއީ ފުލައިޓުތަކެވެ. ޓާކިޝް އެއާލައިނާއި ފުލައި ދުބާއިން ރާއްޖެއިން ބޭރަށް ދާ ދިވެހިނާ ސުވާލުކޮށް، އެ މީހުން ޗެކު ކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

އެ ދެ އެއާލައިނުންދާ ދިވެހިނާއި ސުވާލުކޮށް، ރާއްޖެއިން ބޭރަށް ދަތުރުކުރާ ސަބަބު އޮޅުން ފިލުވައި ރާއްޖެ އެނބުރި އަންނަން ޓިކެޓު ނަގާފައިވޭތޯ ވެސް ފުލުހުން ބަލަ އެވެ.

ވިސާ ހައްދާފައިވޭތޯ އާއި ރާއްޖެއިން ބޭރަށް ދަނީ އާއިލާއަށް އެނގިގެން އާއިލާގެ ހުއްދަ ލިބިގެންތޯ ފުލުހުން ސުވާލު ކުރެ އެވެ. އަދި އާއިލާއަށް އެކަން އެނގިފައިވޭތޯ ބެލުމަށް އާއިލާގެ ފަރާތްތަކާ ފުލުހުން ގުޅާ ކަމަށްވެ އެވެ.

ދިވެހިން ހަނގުރާމައަށް ދޭތޯ ބަލަން ފުލައިޓުތައް ޗެކު ކުރަން ފުލުހުން ފަށާފައިވާއިރު ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މީގެކުރިން ވިދާޅުވެފައި އެވެ. އަދި ހަނގުރާމަ އަށް ދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަން ޖެހޭ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައި އެވެ.

ރާއްޖެ އިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހީން ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.