މަގުމަތީ އަގު ހަތަރު މިލިއަން ރުފިޔާގެ ބަނގުރަލާއި ބަނގުރާ ފަދަ ތަކެތި ހަ އަހަރު ފަހުން މިއަދު ފުލުހުން ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 1200 ބިޔަރު ދަޅާއި 600 ފުޅި ބަނގުރަލާއި އަދި 20 ލިޓަރުގެ 60 ހަން ފުލުހުން މިއަދު ވަނީ ދޫނިދޫގައި ނައްތާލާފަ އެވެ.

އެ ތަކެތި ނައްތާލުމަށް ފަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ނައްތާލި އެއްޗިއްސަކީ ގާނޫނީ މަރުހަލާ މުޅިން ފުރިހަމަވެފައިވާ ކަމަށެވެ.

"ބަނގުރަލަށް އަޅުގަނޑުމެން މި ހާއްސަކުރީ ބަނގުރާ ވަރަށް ބައިވަރު އެބަހުރި ނެގިފައި. ބަނގުރާ ނަގައިގެން ނޫނިއްޔާ އަޅުގަނޑުމެންގެ ގުދަން އޮންނަ ގޮތުން އެތެރެ އަށް ދިއުމަށް އުނދަގޫވޭ،" ޝިފާން ވިދާޅުވި އެވެ.

މިއަދު ފުލުހުން ނައްތާލީ ބަނގުރާ -- ސަން ފޮޓޯ: މުހައްމަދު ނާސިހު

ފުލުހުން އަތުލައިގަންނަ ތަކެއްޗަށް ވަނީ ކިހިނެއްތޯ މިއީ ވަރަށް ގިނައިން އުފައްދާ ސުވާލެއް ކަމަށާއި އެހެންނަމަވެސް އެފަދަ ތަކެތި ވަރަށް ފުރިހަމަ ނިޒާމަކުން ބެލެހެއްޓެމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އަދި މީގެ ފަހުން ކޮންމެ ހޮނިހިުރ ދުވަހަކު މަސްތުވާތަކެއްޗާއި ބަނގުރާ ފަދަ ތަކެތި ނައްތާލަން ނިންމާފައިވާ ކަަމަށް ޝިފާން ވިދާޅުވި އެވެ. އަދި މިހާރު މަސްތުވާތަކެއްޗާއި ބަނގުރާ ނައްތާލަން ރާވާފައިވާ ނިޒާމުގެ ސަބަބުން މިފަދަ ތަކެތި ނައްތާލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ޝިފާން ވިދާޅުވި އެވެ.

"މިތަކެއްޗަކީ ކޮންމެ ސީނަކުން އަދި ކޮންމެ ތާކުން ނެގި ތަކެއްޗަށް ވިޔަސް އެ ތަކެއްޗަކީ ވަކި ނިޒާމެއްގެ ދަށުން ބެލެހެއްޓޭ ތަކެތި. އެހެންވީމަ މި ތަކެއްޗާ ދޭތެރޭ ސުވާލު އުފެދޭނެ އެއްވެސް ކަމެއް މީގެ ތެރޭގައި ނުހިމެނޭ." ޝިފާން ވިދާޅުވި އެވެ.

ފޮރިންސިކް ތަހުލީލުގައި ވެސް ވަކި ނިޒާމެއްގެ ދަށުން ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިކަން ކުރިއަށް ދަނީ މުސްތަގިއްލު ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އެ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކާއި އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކާއި މިނިވަން މުއައްސަސާތަކުން ދެ ފަރާތާއި ކްރިމިނަލް ކޯޓްގެ ގާޒީއެއް ހިމެނެ އެވެ.