ލޯބިވާ ދަރިފުޅު އުރާލައިފި އެވެ. ބައިބޯ ހިތްފަސޭހަ އެ މައިދާނުގައި ދަރިފުޅުގައިގަ ލޯބިން ބައްދާލި އެވެ. މައިވަންތަ ކުލުނު ރަނގަޅަށް ވެސް ސިފަކޮށްދެ އެވެ. އެކިއެކި ސަކަރާތް ދެމައިން ޖަހަން ފަށައިފި އެވެ. ކުއްލިއަކަށެވެ. "އަޗީޑި" އެއޮއް ކުރި ކަމެކެވެ. ދަރިފުޅުގެ ތުންފަތަށް ދޮނެއް ދީ "ކިސް" ކުރީ އެވެ. އެ މަންޒަރު ސެލްފީއެއް ވެސް ނެގި އެވެ.

އެކަން ވެސް ތަހުޒީބީ ކަމަކަށްވީ އެވެ. ތުއްތު ކުދިންނާ އެކި އުމުރުގެ ކުޑަކުދިންނާ އެކު ކިސް ކުރުން މިއަދު މި ވަނީ "ކޫލް" ވެފަ އެވެ. ކައިވެންޏެއްގެ ތެރެއިން ދެމަފިރިއަކަށް ކުރުން ހުއްދަވާ ފަދަ އަމަލުތައް މައިންބަފައިން ދަރިންނާއެކު ކުރަނީ އެވެ. ގިނަ ފަހަރަށް އެއަމަލު ހިންގަނީ މައިން ބަފައިންނެވެ. އަނެއް ބައިފަހަރު ގާތްތިމާގެ މީހުންނެވެ. އެއަމަލު ހިންގައި އެމަންޒަރު ފޮޓޯ ނަގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ ވެސް މިއަދުގެ ކޫލް ތަހުޒީބުގެ ތެރޭ ހިމެނޭ ކަންކަމެވެ. އެތައް ސަތޭހަ ކޮމެންޓަކަށް ވަނީ "ކިއުޓް" މި އެވެ.

ތިމާމެން ހިތުން މިއީ ކިތަންމެ މޮޅު ކަމެއް ކަމަށް ދެކުނަސް މިއީ ވަރަށް ހަޑި ކަމެކެވެ. ކުޑަކުދިނަށް އަހުލާގީ ގޮތުން މައްސަލަތަކެއް ކުރިމަތިވެ، ސިއްހަތަށް އޭގެ ނޭދެވޭ އެތައް އަސަރެއް ކުރާ ކަމެކެވެ.

ސައިކޮލޮޖިސްޓް އެފެކްޝަން އެސޯސިއޭޝަންގެ މެމްބަރު ކްލޯޑިއާ ޖިމޭނޭޒް ޝަކޯން ވިދާޅުވީ ބޮޑު މީހެއް ތުއްތު ކުއްޖާގެ ތުންފަތަށް ދޮން ދިނުމުގެ ސަބަބުން ކުޑަކުދިންނަށް އިންފެކްޝަން ބަލިތައް ޖެހުމަށް މަގުފަހިވާ ކަމަށެވެ. އެގޮތުން މޮނޯނިއުކްލިއޯސިސް ނުވަތަ "ކިސިން ޑިސީޒް" ހާޕީސްގެ އާއިލާ އަށް ނިސްބަތްވާ ބައްޔެކެވެ. މި ބަލި ޖެހުމަށް މަގު ފަހު ވަނީ ތުންފަތަށް ދޮން ދިނުމުގެ ސަބަބުންނެވެ.

އެ ބަލީގެ ސަބަބުން ސިމްޕްޓޮމްތަކުގެ ތެރޭގައި ހުން އައުމާއި ލިމްފް ނޯޑް ދުޅަވުމާއި ހޮޑުލުން ހިމެނެ އެވެ. އެކަންތައް ހުއްޓުވުމަށް ބޮޑެތި މީހުން ސީދާ ތުއްތު ކުއްޖާގެ ތުންފަތަށް ދޮން ދިނުން ހުއްޓަން ޖެހެ އެވެ.

އޭގެ އެފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކުޑައިރުން ފެށިގެން ކުދިން ބަދުއަހުލާގީ އަމަލުތަކަށް ދޯޅުވެ އެވެ. ބެލެނިވެރިންގެ ފަރާތުން އެފަދަ ކަންކަން ދިމާވެފައިވާ ކުދިން އެކުދިންގެ އެކުވެރިންނާ އެކު ވެސް އެ އަމަލުތައް ޅަ އުމުރުގައި ހިންގަ އެވެ. އެހެން ކަމުން ކުޑައިރުން ފެށިގެން އެކުދިންނަށް އެފަދަ އަމަލުތައް ސިފަވަނީ ކޮންމެހެން ކުރަން ޖެހޭ ކަންކަމުގެ ގޮތުގަ އެވެ.

ޝައިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ގައިގައި ބޮސް ދިނުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށާއި ނަމަވެސް ކުޑަކުދިންގެ ތުންފަތަށް ބޮސްދިނުމަކީ ދީނީ ގޮތުންނާއި ސިއްހީ ގޮތުން ވެސް ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"އެއީ ނުރައްކާތެރި ބަލިތައް ކުއްޖާއަށް ޖެހުން ވަރަށް ގާތް ކަމެއް. ދީނީ ގޮތުން ބަލާއިރު، ތުންފަތަށް ބޮސްދިނުމަކީ އެންމެ ގާތް މީހަކީ މަންމަ ބައްޕަ ކަމަށްވާއިރު އެ މީސްމީހުން ވެސް އެކަން ކޮށްގެން ނުވާނެ ކަމެއް އެއީ،" ޝައިޚް ވިދާޅުވި އެވެ.

ހަމަ މިފަދަ އެހެން ކަމެކެވެ. ދަރިންގެ "ފޮޓޯ ގުރަފީ" އަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މި މުޖުތަމައު ގަބޫލުކޮށްފި އެވެ. އެކަމަށް ގިނައިން ސުޓޫޑިއޯ ތަކަށްދެ އެވެ. އަނެއް ބައި ފަހަރު ހިތްފަސޭހަ މައިދާން ތަކަށެވެ. ފޮޓޯ ނަގަން މޮޅު މީހަކަށް ބޮޑު އަގެއް ދީގެން ދަރިފުޅު ފޮޓޯ ނަގަން ދަނީ އެވެ. މައްސަލައަކީ ފޮޓޯ ނެގުމެއް ނޫނެވެ. ހައްދުން ނައްޓާތީ އެވެ. ދަރިފުޅުގެ ފޮޓޯ މޮޅު ކުރަން ބައެއް ފަހަރު ދަރިފުޅު ބަރަހަނާ ކުރަނީ އެވެ. ނޫނީ ކިރިޔާ ނިވާވާ ވަރުގެ ފޮތިކޮޅަކުން ނިވާކޮށްލައި އެކިއެކި ފޮޓޯ ނަގަނީ އެވެ. އެއަށް ފަހު އެ ފޮޓޯތައް މި ދޫކޮށްލަނީ ސޯޝަލް މީޑިއާއަށެވެ. "ސޯކިއުޓް" ފަދަ ކޮމެންޓްތައް ހޯދުމަށް ދަރިފުޅު ގުރުބާން ކުރެވެނީ އެވެ. އޭގެ ނުރައްކަލަކަށް ވިސްނައެއް ނުލަ އެވެ.

ޖެންޑާ މިނިސްޓްރީގެ ސީއީއޯ އައިމިނަތު އީނާސް ވިދާޅުވި ގޮތުގައި ބައެއް ބެލެނިވެރިން ކުދިންގެ ފޮޓޯ ނެގުމަށް އެ ކުދިން ބަރަހަނާ ހާލުގައި ތަފާތު ގޮތްގޮތަށް ބާއްވަައިގެން ނަގާފައި ހުންނަ ފޮޓޯތަކުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތައް ކުރެ އެވެ. އެގޮތުން އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކުރުން ހައްދުން ނައްޓާފައިވާ އިރު އެއީ ބަޔަކަށް ޖިންސީ އުފަލެއް ނަހަމަ ގޮތުގައި ހޯދުމަށް ލިބޭ ފުރުސަތަކަށްވާ ކަމަށް އީނާސް ވިދާޅުވެ އެވެ.

ލޯބި ދަރިފުޅު އިތުރަށް ލޯބި ކުރުމަށް ކުރެވޭ ނޭދެވޭ އިތުރު ކަންތައްތަކުގެ ތެރެއިން އެ ކުދިންނާ ނުގުޅޭ ގޮތަށް ޒީނަތްތެރި ކުރުމަކީ ވެސް ހެދޭ ބޮޑު ގޯހެކެވެ. ފިރިހެން ކުއްޖެއް ނަމަ ހަތަރެސް ފަޔާއި އަތުގައި ފާޑު ފާޑު އެއްޗެތި އަޅުވައި އެކިކަހަލަ "ސިމްބަލް" ޖަހާފައި ހުންނަ އަންނައުނު ލެއްވުމާއި ޒާތްޒާތަށް ބޯކޮށުން ފަދަކަންކަން ހައްދުން ނެއްޓުމުގެ ސަބަބުން އެ ކުދިންނަށް އެ ދެއްކެނީ ނުބައި ނަމޫނާއެކެވެ. ރަނގަޅު ސަހުސިއްޔަތަކަށް ވުމުގެ ބަދަލުގައި އެ ކުދިން ކައިރި އެބުނެވެނީ ގޯސް ބަޔަކު އިހުތިޔާރު ކުރުމަށެވެ. ނުވަތަ ގޯސް އަމަލު ހިންގާ ބަޔެއްގެ ނަމޫނާއަށް ބެލުމަށެވެ.

"ކުދިން ބޮޑުވެގެން އަންނަ އިރު އާންމު ކަމަކަށް ވެގެން މި އަންނަނީ ކުދިން ކަރުގައި ފަށް އެޅުވުން ބޯދިގުކުރުން، ނުވަތަ ކަޓެއް ޖައްސާފައި ހުރުން، ކުއްޖާ ބޮޑުވެގެން އަންނަ އިރު ދަސްވާ ވަރަށް ނުރަނގަޅު އާދައެއް ނުވަތަ ނުރަނގަޅު ކަމެއްގެ ގޮތުގައި އެފަދަ ކަންކަން ބަލައިގަނެވެނީ،" ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޝަކީބް ވިދާޅުވި އެވެ.

އަންހެން ކުދިން ވެސް ހަމައެފަދަ އެވެ. ކުރުކުރު ހެދުންތައް ލައްވައި އެއީ މާ މޮޅު އުޅުމެއްކަމަށް ކުޑައިރުންސުރެ ކުދިންނަށް ދެއްކުން އިތުރުވެފައިވާ އިރު އެއީ މުސްތަގުބަލަށް ހުރި ބިރެކެވެ. ލަދެއް ބިރެއް ނެތި މާދަމާ މަގުތަކަށް ކުދިން ނުކުތުމަށް ލިބޭ ހިތް ވަރަކަށް އެކަން ވެގެން ދެ އެވެ. އެންމެ ކުޑައިރު ލަދު ކެނޑުވުމުން ދެން ބޮޑުވެގެން އަންނައިރު ހުންނާނީ ކޮން އަހުލާގެއް ހެއްޔެވެ؟

ބަވަނަ ވެފައިވާ މި ދުނިޔެގޭގައި ދެން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި މިވަނީ އިންޓެނެޓާއި ޓީވީ ފަދަ ވަސީލަތްތަކެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ޓެބްލެޓެއް ނުވަތަ އައިޕެޑެއް އޮންނައިރު ޓީވީ ބެލުމަކީ ދުވާލުގެ ގިނަ ވަގުތު ހޭދަ ކުރާ ކަމެވެ. އޭގެ ތެރެއިން ނޭދެވޭ އެކި މެސެޖު ލިބޭ މަންޒަރުތައް ހިމެނޭ ތަކެތި ބެލުމާއި އަޑު އިވުމަކީ އެކުދިންގެ އަހުލާގަށް ނޭދެވޭ ބޮޑު ބަދަލެއް ގެނުވާ ކަމެކެވެ.

"އެއް ހާހަށްވުރެ ގިނަ ދިރާސާތަކުން ދައްކާގޮތުގައި ކުދިންނަށް އެކުދިންގެ އުމުރާ ނުގުޅޭ ތަކެތި ފެނުމުން ރަނގަޅު ނުކުރެވޭ ފަދަ ނަތީޖާތައް ފެނޭ. އޭގައި އެންމެ އިސް ރޯލެއް އަދާ ކުރަނީ މީޑިއާ އިން. މީޑިއާގެ ސަބަބުން ކުދިންގެ އުމުރާ ނުގުޅޭ އެތަކެއް ކަންތަކެއް ފެނޭ. އެގޮތުން ނަފްސާނީ ގޮތުން އެކިކަހަލަ ބަލިމަޑުކަން އުފެދޭ. އުމުރާ ނުގުޅޭ ގޮތަށް އުޅުމާއި އެކުދިން ރުޅިގަދަ ވުން ފަދަ ކަންތައްތައް ހިމެނޭ،" ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އެމެރިކާގެ ޕީޑިއާޓްރިކްސް އެކޭޑެމީ އިން ބުންޏެވެ.

ކޮންމެ އަކަސް ދަރިން ލޯބި ކުރަން ނުވަތަ ކިއުޓް ކުރަން މިކުރެވޭ އަމަލުތައް ވެފައި މިވަނީ ކުދިންނަށް މަގު އޮޅުވާލެވޭ ކަންކަމަށެވެ. އެކުދިންގެ ހަލާކަކަށް އެކަންވެ އެވެ. ތަހުޒީބެއް ކަމަށް ބަލައި މައިންބަފައިންނަށް މާ ބޮޑަށް ގޯސްހެދެނީ އެވެ. އިސްލާމީ ރިވެތި އަހުލާގުން ބޭރުން ކަންކަމަށް އިސްކަން ދެވެނީއެވެ. މިފަދަ އާދަތައް ހުއްޓަން ވެއްޖެ އެވެ. އެހެންނޫންނަމަ ގަދަރުވެރި މުޖުތަމައުއެއް ބިނައެއް ނުކުރެވޭނެ އެވެ.