މިމަހުގެ 27 ވަނަ ދުވަހު މެލޭޝިއާގައި ޓޮޓަންހަމްއާ ދެކޮޅަށް ކުޅޭ މެޗްގައި މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުންގެންދާ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަނގަޑޭ) ކުޅޭ ކަމީ ދިވެހި ގައުމަށް ލިބޭ ބޮޑު ޝަރަފެއް ކަމަށް ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗްތަކުގެ ކިކް އޮފް ކަވަރޭޖް ފެށުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ދަނޑާއި އޮލިމްޕަސް ގުޅޭ ހަތަރު އަނގޮޅީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަލީހް ވިދާޅުވީ ޔޫރަޕްގެ ބޮޑެތި ޓީމްތަކުގެ ނަންމަޝްހޫރު ކުޅުންތެރިންނާ ދެކޮޅަށް ދިވެހި ކުޅުންތެރިޔަކަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންނަށް އިތުރު ހިތްވަރާއި ޖޯޝް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗްތަކުގެ ކިކް އޮފް ކަވަރޭޖް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު މަލީހު ޕެނަލްޓީ ގޯލެއް ފޮނުވާލަނީ ---- ފޮޓޯ/ ޔޫތު މިނިސްޓްރީ

"ރައްޖޭގެ ފުޓްބޯޅަ މިދަނީ ވަރަށް ބާރަށް ވަރަށް ހަލުވި މިނެއްގައި. އެގޮތުން މިމަހު 27 ވަނަ ދުވަހު މޭލޭޝިއާގެ ކުޅެވިގެންދާ ފޯރި ގަދަ މެޗްގައި އަޅުގަނޑުމެންގެ ގައުމީ ޓީމްގެ ކެޕްޓަން ކުޅޭ ކަމީ އަޅުގަނޑުމެންގެ މުޅި ދިވެހި ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް އަދި ވަސް ބޮޑު އުފަލެއް. އެކަމަށްޓަކައި އަޝްފާގަށް ވަރަށް ހުނޫ މަރުހަބާއެއް އަރިސް ކުރަން،" މަލީހް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކުޅިވަރު އިންފްރާސްޓްރަކްޗަރ ގާއިމްކުރަނީ މިފަދަ މެޗްތަކުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށާއި ފުޓްސަލް ދަނޑު ތަކާއި ކުޅިވަރު އިންފްރާސްޓަކްޗަރގެ ތެއިން މުސްތަގުބަލްގައި މިހާރަށްވުރެވެސް މޮޅެތި ކުޅުންތެރިން އުފެދިގެން ދާނެކަމަށެވެ.

ޓޮޓެންހަމާ ދެކޮޅަށް ނުކުންނަ މެލޭޝިއާގެ ޓީމުން އަޝްފާގަށް ފުރުސަތު ލިބުނީ އެ ގައުމުގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިން ހިމެނުމަށް މެލޭޝިއާގެ އެފްއޭއިން ހުއްދަ ދިނުމުންނެވެ.

މެލޭޝިއާ ލީގްގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިޔަކު ޓީމްގައި ހިމެނުމަށް ނިންމީ އެގައުމުގެ ދެ ކުލަބް ކަމަށްވާ ޕާހާންގް އާއި ޖޭޑީޓީއަށް ކުޅޭ މެލޭޝިއާ ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން ހަމަޖެހިފައިވުމުން ޓޮޓަންހަމްގެ މެޗްގައި ނުކުޅެވޭނެތީ އެވެ.

އަޝްފާގު މެލޭޝިއާގެ ޓީމުގައި ހިމެނި ސަބަބާބެހޭ ގޮތުން މިދިޔަ ސީޒަންގައި ޕީޑީއާރްއެމްގައި އަޝްފާޤަށް ކޯޗްްކޮށްދިން ދެލާހް މެލޭޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ޔޫޓޫ ސަންއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދަނގަޑޭ އޭނާގެ ޓީމްގައި ހިމެނުމަށް ބޭނުންވަނީ ދަނގަޑޭއަކީ މިދިޔަ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ކަމަށްވެފައި އޭނާއަކީ މިފަދަ މެޗަކަށް މުހިންމު ކުޅުންތެރިއެއް ކަމުގައިވުމުން ކަމަށެވެ.

ޓޮޓެމްހަމްއާ މެލޭޝިއާ ކުޅޭ މެޗް އޮންނާނީ މިމަހު 27 ވަނަ ދުވަހުގެ ރޭގައެވެ.

މިމެޗް ފެށޭނީ ރާއްޖޭގަޑިން އެދުވަހުގެ ހަވީރު 5:45 ގައެވެ.

ދަނގަޑޭ ވަނީ މިދިޔަ ސީޒަންގައި މެލޭޝިއާގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައި ވަނީ ދަގަނޑޭއެވެ.