ހއ. އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީނާއި އެ އަތޮޅު މާރަންދޫ ކައުންސިލް މެމްބަރު އަހުމަދު ހަސަން ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މިއަދު ސޮއިކުރައްވައިފި އެވެ.

މިއަދު މެންދުރު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާ ފޯމް ހަވާލުކުރައްވާފައެވެ.

ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރަންދޫ ކައުންސިލަރު އަހުމަދު ހަސަން ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންގުޅުއްވާ ސިޔާސަތައް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިހަވަންދޫ ދާއިރާ ތަރައްގީކުރެވޭނީ ސަރުކާރާ ގުޅިގެން ކަމަށެވެ.

އިހަވަންދޫ އާއި މާރަންދޫ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމްއަށް ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީން ވިދާޅުވީ ޕީޕީއެމާ އޭނާ ގުޅިވަޑައިގަތް މައިގަނޑު ސަބަބަކީ ރާއްޖެއަށް އަންނަމުންދާ ތަރައްގީއާ ކުރިއެރުން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ދުވެ ނަގަމުންދާއިރު ވެސް އަޅުގަނޑުމެންނަށް ފެންނަމުންދަނީ ތަރައްގީ އަންނަމުންދާތަން،" މުއީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ އިހަވަންދޫ ދާއިރާގެ ދެ ކައުންސިލަރަކު މިއަދު ޕީޕީއެމްއަށް ސޮއިކުރެއްވުމުގެ ނަތީޖާއަކީ ރައީސް ޔާމީންގެ ސިޔާސަތުތައް ރަނގަޅުވެ އިހަވަންދޫ ދާއިރާއަށް މި ސަރުކާރުން ކޮށްދެއްވާ ކަންތައްތައް ކަމަށެވެ.