16 May 2015, 15:22
މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑެވިޑް ޑެހެއާ އެޓީމް ދޫކޮށް ހިނގަޖެއްނަމަ މެންޔޫގެ ގޯލް ބެލެހެއްޓުމަށް އެޓީމަށް ގެންނަން ބޭނުންވާ ކީޕަރުންގެ ލިސްޓަކާ މެދު ވިސްނުން ގެންގުޅޭކަމަށް އެޓީމްގެ ކޯޗް ލުއިސް ވެންހާލް ބުނެފިއެވެ.
ވެންހާލް ބުނީ އާ އެއްބަސްވުމެއްގައި ޑެހެއާ ލައްވައި ސޮއިކުރުވަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން އޮތީ ޑެހެއާގެ އަތްމަތީގައި ކަމަށެވެ.
"ޑެހެއާ ޓީމް ދޫކޮށް ހިނގަޖެއްނަމަ އޭނާގެ ބަދަލުގައި ގޯލް ބެލެއްހެއްޓުމަށް ގެންނާނެ ކީޕަރުންގެ ލިސްޓަކާމެދު ވިސްނުން ގެންގުޅެން. އެގޮތަށް ވިސްނަންޖެހޭ ސަބަބަކީ އަބަދުވެސް އަހަރެމެން ތިބެންޖެނީ ވަރަށް އޮގަނައިޒްކޮށް،" ވެންހާލް ބުންޏެވެ.
އޭނާ ޓީމްގައި މަޑުކުރުން އޮތީ މެންޗެސްޓާ ޔުނައިޓެޑް އަތަކު ނޫން. އަދި އހަރެންގެ އަތަކުވެސް ނޫން. އަހަރެމެން ބޭނުން އޭނާ ލައްވައި ސޮއި ކުރުވަން އޭނާވެސް އެބަ ޖެހޭ އެއްބަސްވުމުގައި ސޮއި ކުރަން. އޭނަ އެބަޖެހޭ ޓީމްގައި ހުންނަން ބޭނުންވާން. ނޭނގެ އޭނަ ގޮތް ނުނިންމާ ހުރީ ކީއްވެގެންކަމެއް." އަންނަ ހޫނު މޫސުމުގައި އެއްބަސްވުމުގެ މުއްދަތު ހަމަވާ ކީޕަރާއި ބެހޭގޮތުން ވެންހާލް ބުންޏެވެ.
ސްޕެއިންގެ ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ މެޑްރިޑަށް ނިސްބަތްވާ ދުވަހު ނޫސް މާސާއިން ބުނެފައިވަނީ ރެއާލް މެޑްރިޑުން ވަނީ މެޑްރިޑަށް އުފަން ޑެހެއާ އެޓީމްގެ ގޯލް ކީޕަރަކަށް ގެނައުމަށް އޭނައާއެކު ވާހަކަ ދައްކާފައި ކަމަށެވެ. ރެއާލުން ދެން އޮތީ އޭނާ ލައްވައި ސޮއި ކުރުވުމުގެ ވާހަކަތައް މެންޗެސްޓާ ޔުނައިޓެޑާއެކު ދެއްކުމުގެ މަރުހަލާތައް ކަމަށް މާސާއިން ބުނެއެވެ.
އެހެންވެއްޖެނަމަ އެޓީމްގެ އެއް ނަންބަރު ގޯލް ކީޕަރު އިކާ ކަސިޔަސް އެޓީމުން ދޫކޮށްލާނެއެވެ.
ޑެހެއާގެ ބަދަލުގައި ޔުނައިޓަޑުން ގޯލް ބެލެއްހެއްޓުމަށް އެޓީމުން ގެންނަން މަސައްކަތްކުރާ ކީޕަރުންގެ ތެރޭގައި ޗެލްސިގެ ކުރީގެ އެއް ނަންބަރު ގޯލް ކީޕަރ ޕިޓާ ޗެކް ހިމެނޭ ކަމަށް އިނގިރޭސީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޗެލްސީއިން ވަނީ އެހެންޓީމަކަށް ބަދަލުވުމުގެ ވާހަކަތައް ދެއްކުމުގެ ހުއްދަ ޕިޓާ ޗެކަށް ދީފައެވެ.
ޔުނައިޓަޑުން ޑެހެއާގެ ބަދަލުގައި އެހެން ކީޕަރެއް ނުގެނެސް އެޓީމުގެ ދެ ނަންބަރު ގޯލް ކިޕަރުގެ ގޮތުގައި ހުރި ބާސެލޯނާގެ ކުރީގެ ކީޕަރު ވިކްޓާ ވެލްޑަސްއަށް އެއް ނަންބަރު ކީޕަރުގެ ގޮތުގައި ފުރުސަތު ދޭނެ ކަމަށްވެސް މިޑިއާ ރިޕޯޓްތައް ބުނެއެވެ.