މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މަރަން އެގައުމުގެ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މުރުސީގެ ވެރިކަމުގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް އަނިޔާވެރިވުމަށް އަމުރުކުރި ކަމުގެ ދައުވާ ސާބިތުވެ މިހާރު ވެސް މުރުސީ ދަނީ 20 އަހަރުގެ ޖަލުހުކުމެއް ތަންފީޒި ކުރަމުންނެވެ.

މުރުސީ ވެރިކަމުން ދުރުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހު ގިނަ އަދަދެއްގެ ބަޔަކު މިސްރުގެ މަގުތަކަށް އެއްވެ މުޒާހަރާކޮށްގެނެވެ. އޭގެ ފަހުން މުރުސީ ނިސްބަތްވާ ޕާޓީ، މުސްލިމް ބްރަދަހުޑްގެ މެންބަރުން މުރްސީ އަށް ތާއީދުކޮށް ދަނީ އަޑުއުފުލަމުންނެވެ.

މުރުސީ މަރަން ހުކުމްކޮށްފައި ވަނީ ހުސްނީ މުބާރަކުގެ ވެރިކަމުގައި 2011 ވަނަ އަހަރު ޖަލު ފަޅާލައި ނިކުމެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ. މުރުސީގެ އިތުރުން 100 މީހެއްގެ މައްޗަށް ވަނީ ހަމަ އެ ދައުވާ އުފުލާފަ އެވެ.

މުރުސީ މަރަން ހުމް ކުރުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ބުނަމުން ދަނީ މުރުސީގެ މައްޗަށްކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަންނާނެ ކަމަށެވެ.

ޙުސްނީ މުބާރަކުގެ ވެރިކަން 2011 ވަނަ އަހަރު ވައްޓައިލެވުނު އިންގިލާބުގެ ހަމަނުޖެހުންތައް 18 ދުވަސް ވާންދެން ކުރިޔަށް ދިޔަ އިރު، އެ ދުވަސްކޮޅުގެ ތެރޭގައި މިޞުރުގެ އެކިއެކި ޖަލުތަކުން 20000 މީހުން ފިލައިގެން ސަލާމަތް ވެފައިވެ އެވެ.