16 May 2015, 15:11
ކައުންސިލްތަކުގެ ބައި އިލެކްޝަންސް ތަކުގައި ޕީޕީއެމް އިން ވާދަނުކުރަން ވިސްނަމުންދާ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ބައި އިލެކްޝަންތައް ބާއްވައި ޕީޕީއެމް "ވަރުބަލި" ކޮށްލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ބައި އިލެކްޝަންސްތަކަށް ޕީޕީއެމުން ދަހިވެތިވެފައިވާކަން ދުނިޔެއަށް ދައްކަން ކަމަށާއި ބައި އިލެކްޝަންސްތަކުގައި ވާދަނުކުރަން ވިސްނަނީ އެސަބަބާ ހެދި ކަމަށެވެ.
"މިވާ ގޮތަކީ ކުއްލިއަކަށް ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި އިންތިޚާބަކަށް މި ފޮނުވާލަނީ. ދެން އަޅުގަނޑުމެން ޕީޕީއެމް އެންމެ ބޮޑު އެއް ޕާޓީ ވެރިކަން ކުރާ ޕާޓީންވީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ގޮސް އެ އިންތިޚާބު ކާމިޔާބު ކުރަން. މިއީ މަސައްކަތުގެ ވަރަށް ބޮޑު ބައި އަޅުގަނޑުމެންނަށް ގެއްލިގެންދާ ކަމެއް. މާނައަކީ މި އިންތިޚާބުތަކަށް ބޭނުންވާ ފައިސާ އަދި ވަގުތު މިހުރިހާ ކަމެއް އަޅުގަނޑުމެން ވަރުބަލި ކޮށްލުމުގެ ނިޔަތުގައި ވެސް ބަޔަކު މިކަން އެބަ ކުރޭ. މާނައަކީ އެމްޑީޕީން އެބަ ރާވައޭ މިކަހަލަ ރޭވުންތައް ވެސް،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް ހުރި ބައި އިލެކްޝަންތަކުގައި ވާދަނުކުރަން ޕީޕީއެމްގެ ތެރޭގައި "ވަރަށް ސީރިއަސްކޮށް" ވިސްނަމުންދާ ކަމަށެވެ. އަދި ޕީޕީއެމްގެ ކައުންސިލަަށް ލަސްތަކެއް ނުވެ އެ މައްސަލަ ހުށަހަޅާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމުގެ މައްޗަށް އަލިއަޅުވާލައްވައި ނިހާން ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ވުޖޫދަށްއައުމާ އެކު ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށެވެ.